13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑު އެޅުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.

ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެއްގެ ތެރެއިން ފަށައިގެން އަންނަ މަސައްކަތެއް ކަމަށާއި މިކަމުގެ ސަބަބުން ޚާއްސަކޮށް ފުޓްބޯޅައަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށެވެ. އަދި ކުޅިވަރުގެ ރަނގަޅު ފެސިލިޓީތައް ރަށްރަށުގައި ގާއިމުވެގެން ދިއުމަކީ ރަނގަޅު ކުޅުންތެރިން އުފެދި، ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރި ކަމަކަށްވާނެ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މިއަދު ޓާރފް އެޅުމަށް ހަވާލުކުރި މި 13 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ. ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރުއެވެ.

މި ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާރފް އެޅުމަށް ވީއޭއެމްކޯއަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ. މި 13 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38,214,943.03 މިލިއަން ރުފިޔާއަށެވެ. މިއަދު މި ހަވާލުކުރި ރަށްތަކުގެ ތެރެއިން ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކޮށްފައެވެ.

ޔޫތް މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު އެމިނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ނިންމާލާފައިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން