ޣައްޒާ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުން ކްލާހުގައި
ޣައްޒާ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުން ކްލާހުގައި
ހަލާކުވެފައިވާ ކްލާސްރޫމްތަކުގެ ބިއްލޫރިތަކާއި ފަޅައިގެން ގޮސްފައިވާ ފާރުތަކުގެ މަތީގައި، ޣައްޒާ ސިޓީގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ކިޔެވުން އަލުން ފަށައިފިއެވެ.

ހަނގުރާމައިގެ ސަބަބުން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ ޔުނިވަރސިޓީގެ ދޮރުތައް ވަނީ ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުންނަށް ހުޅުވާލާފައެވެ.

އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އިސްލާމިކް ޔުނިވަރސިޓީގެ މައި މަރުކަޒަށް ވަނީ ބޮޑެތި ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެތަން ވަނީ މުޅިން ހަލާކުވެފައެވެ.

މިއީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން 'ޠޫފާނުލް އަޤްޞާ' އޮޕަރޭޝަން ފެށުމަށް ފަހު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.

ނަމަވެސް 2 އަހަރުގެ މެދުކެނޑުމަކަށްފަހު ދަރިވަރުން އަލުން ކިޔެވުމަށް އެނބުރި އައި މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެކްޓިވިސްޓުން ދެކޭ ގޮތުގައި މި މަންޒަރުތަކުން ދައްކުވައިދެނީ ފަލަސްޠީނުގެ ރައްޔިތުންގެ ޢަޒުމާއި، ހަލާކުތަކާ އެކު ވެސް ކިޔެވުން ކުރިއަށް ގެންދިއުމަށް އެމީހުން ދައްކާ ހިތްވަރެވެ.



ކިޔުންތެރިންގެ ހިޔާލު