ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް
ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް
މި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ރައްޔިތުންނަށް ދަޅުދައްކާ އޮޅުވާލުމަށް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ޑްރަގުގެ ވިޔަފާރި ހުއްޓުވަން މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތަފްސީލު ފުލުހުންނާއި ހޯމް މިނިސްޓްރީން އަދިވެސް ހާމަކޮށްފައި ނުވާތީއެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އިޔާޒް ވިދާޅުވީ މިސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢެއް، އަދި ކުރާ އެއްވެސް ކަމަކީ ޢާއްމު ރަޢްޔިތުންގެ ލޮލަށް ފެންނަ އަދި ފެންނާނެ ކަންތަކެއްވެސް ނޫން ކަމަށެވެ. މިކަން މިގޮތަށް ވަނީ އެއްވެސް ކަމެއް ކުރުމުގައި އިޚްލާޞްތެރި ނިޔަތެއް ނެތުމުން ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިޔާޒް ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ދެއްކުންތެރިކަމަށް ކަމަށެވެ.

"ހުރިހާ ކަމެއްވެސް ކުރަނީ ދެއްކުންތެރިކަމަށް. ރައްޔިތުންނަށް ދަޅަދައްކާ އޮޅުވާލުމަށް." އިޔާޒް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ހިންގި "އޮޕަރޭޝަން އަލިމަގު" ގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައި ފާސްކޮށްފައި ވާއިރު، މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވި ކަމަށް ފުލުހުން އޭރު ހާމަކުރިއެވެ. މި އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކުރިކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދިން ނަމަވެސް، އެއިން އެއްވެސް މީހެއްގެ ވަނަވަރެއް އާންމު ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު