ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
އިސްލާމް ދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެންވުމަކީ މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ލިލީ ފިލްމުގެ "ޕްރިމިއާ ނައިޓް" ގެ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވަނިކޮށެވެ. އެ ފޮޓޯއިން ފެންނަ ފިރިހެން މީހާ ހެދުން އަޅާފައިހުރީ އިސްލާމީ މިންގަނޑުތަކާ ހިލާފު ގޮތަކަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު