ބާލީގައި އެކްސިޑެންޓުވީ މިނީ ބަސް-
ބާލީގައި އެކްސިޑެންޓުވީ މިނީ ބަސް-
ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ދާ އިންޑޮނޭޝިއާގެ ބާލީގައި މިނީ ބަހެއް އެކްސިޑެންޓުވެ ފަތުރުވެރިންތަކެއް މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި އެކްސިޑެންޓުގައި މަރުވެފައިވަނީ އެ ބަހުގައި ދަތުރުކުރި މީހުންގެ ތެރެއިން ފަސް ފަތުރުވެރިންނެވެ. އެއީ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިން ކަމަށް ރިޕޯޓުގައި ވެއެވެ.

މަރުވި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ދެ ފިރިހެނުން ކަމަށާއި، އެހާދިސާ ހިނގުމާއެކު ޗައިނާގެ ފަތުރުވެރިން ނިސްބަތްވާ އެމްބަސީތަކަށް އެމައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އެގައުމުގެ ފުލުހުން ހާމަކުރިއެވެ.

އެހާދިސާގައި އަށް މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ރިޕޯޓުތަކުގައި ވާގޮތުގައި ބާލީގެ ބުލެލެންގް ޑިސްޓްރިކްޓުގައި އިއްޔެ ހިނގި އެހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެބަސް ދުއްވި ހިމަ އަދި ކަތި މަގުގެ ސަބަބުންނެވެ. ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ އެބަސް ދަތުރުކުރަމުން ދިޔަވަގުތު ބަސް ކޮންޓްރޯލްނުވެ އެމަގުގެ އަރިމަތީހުރި ގަހެއްގައި ޖެހި އެކްސިޑެންޓު ވީ ކަމަށް އެ ޑިސްޓްރިކްޓުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގު ކުރުމަށް އެޑިސްޓްރިކްޓުގެ ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު