ސަނީ ޑިއޯލް އާއި ރާޖްކުމާރު ސަންތޯޝީ
ސަނީ ޑިއޯލް އާއި ރާޖްކުމާރު ސަންތޯޝީ
ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ޑިއޯލްގެ ފިލްމު "ޖާޓް 2" ޑައިރެކްޓުކުރާނީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރާޖްކުމާރް ސަންތޯޝީ އާއި ސަނީ ޑިއޯލް އަކީ އިންޑިއާ ސިނަމާގެ އެންމެ އައިކޮނިކް ޑައިރެކްޓަރު-އެކްޓަރު ޖޯޑެވެ. މިހާރުވެސް މި ދެ ކުޅަދާނަ ފަންނާނުން ދަނީ ފިލްމެއްގައި އެކުގައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިހާރު ރާޖްކުމާރު އާއި ސަނީ އެކުގައި މަސައްކަތް ކުރަމުން ދަނީ ލާހޯރު:1947 ގައެވެ. މި ފިލްމު ނެރޭ ދުވަސްވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އަދި މިހާރު ފިލްމު "ޖާޓް" ގެ ސީކުއެލްގެ ޑައިރެކްޓަރަކަށްވެސް ރާޖްކުމާރު ސޮއިކޮށްފައިވާ ކަމަށް އިތިބާތުހިފޭ މަސްދަރަކާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ފިލްމުގެ ޑައިރެކްޓަރަކަށް ރާޖްކުމާރު ހަމަޖައްސާފައި ވަނީ "ޖާޓް" ގެ ޑައިރެކްޓަރު ގޯޕިޗާންދު މަނޭނީގެ ޝެޑިއުލްގައި އިތުރު ކޮމިޓްމެންޓުތައް ހުރުމުގެ ސަބަބުން ކަމަށް ރިޕޯޓުގައި ވެއެވެ. "ޖާޓް 2" ޑައިރެކްޓުކުރުމަށް ރާޖްކުމާރަށް 15 ކަރޯރު ރުޕީސް ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ހުރިހާ ކަމެއް ޝެޑިއުލާ އެއްގޮތަށް ގޮސްފިނަމަ އަންނަ އަހަރު މެދުތެރޭގައި "ޖާޓް 2" ގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު