މަރްޔަމް ނަހްދާ ވަޙީދު   14 ނޮވެމްބަރު 2025 - 10:36
ހޭލާއިރު ކަރު ހިކިފައި ހުރުމުން އުނދަގޫވަނީ-
ހޭލާއިރު ކަރު ހިކިފައި ހުރުމުން އުނދަގޫވަނީ-
ހޭލާއިރު ކަރު ހިކިފައި ހުރުމަކީ ގިނަ ބަޔަކަށް ތަޖުރިބާ ކުރެވޭ ކަމެކެވެ. މިކަމުގެ ސަބަބުން ހެނދުނު ހޭލާއިރު ހިތްހަމަނުޖެހި، ނުތަނަވަސްކަން އިޙްސާސް ކުރެވިދާނެއެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ތަފާތު އެތައް ސަބަބުތަކެއް ހުރެއެވެ. މިފަހަރު މި ހިމަނާލަނީ ހޭލާއިރު ކަރު ހިކިފައި ހުންނަ މައިގަނޑު ސަބަބުތަކެވެ.

ކަރު ހިކިފައި ހުރުމުގެ އެންމެ އާންމު އަދި ފަސޭހައިން ދެނެގަނެވޭ ސަބަބަކީ ހަށިގަނޑުގައި ފެނުގެ ބައި މަދުވުމެވެ. ދުވާލު ދުވަހު ފުދޭވަރަށް ފެން ނުބުއިމާއި، ނިދުމުގެ ކުރިން ފުދޭވަރަށް ފެން ނުބުއިމަކީ ހަށިގަނޑު ހައިޑްރޭޓް ނުވެ ހުރުމަށް މަގުފަހިވާ ކަންކަމެވެ. ހަށިގަނޑުގައި ފެން މަދުވުމުން، ހަށިގަނޑުގެ ގުނަވަންތަކުން ދިރުވާލާ ފެނުގެ ބައި މަދުވެ، އަނގަޔާއި ކަރު ހިކިގެން ދެއެވެ. ހަމައެއާއެކު، ކޮފީ، ސައި ނުވަތަ އެނޫންވެސް ކެފެއިން އެކުލެވޭ ބުއިންތައް ގިނައިން ބުއިމަކީވެސް ހަށިގަނޑުން ފެން މަދުވާން ދިމާވާ ސަބަބެއް ކަމަށް ވެދާނެއެވެ. އެހެންކަމުން، ރަނގަޅަށް ފެން ބުއިމަކީ މިކަމަށް ލިބިގެންދާނެ އެންމެ މުހިއްމު ހައްލެވެ.

ނިދީގައި އަނގައިން ނޭވާލުމަކީވެސް ކަރު ހިކުމަށް މެދުވެރިވާ ސަބަބެކެވެ. އާންމުކޮށް ނޭވާލާންވާނީ ނޭފަތުންނެވެ. ނަމަވެސް، ނޭފަތް ބެދިފައި ހުރުން، ނޭފަތުގެ އެލަރޖީ، ނިދީގައި ނޭވާލާން ދަތިވުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ އަނގައިން ނޭވާލާން ޖެހިއްޖެނަމަ، އަނގައާއި ކަރުގައި ހުންނަ ތެތްކަން ހިކިގެންދެއެވެ. މިކަމުގެ ސަބަބުން ހޭލާއިރު އަނގައިން ނުބައި ވަސް ދުވުމާއި، ކަރަށް ތަދުވުން ފަދަ ކަންކަންވެސް ދިމާވެދާނެއެވެ. މިފަދަ ހާލަތްތަކުގައި ނޭފަތުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަކީ މިކަމަށް އޮތް ހައްލެކެވެ.

ނިދާ ކޮޓަރޫގެ ވަށައިގެންވާ މާހައުލުގެ ސަބަބުންވެސް މި މައްސަލަ ދިމާވެދާނެއެވެ. ހާއްސަކޮށް، އެއަރކޮންޑިޝަން ނުވަތަ ހީޓަރު ބޭނުންކުރާ ކޮޓަރިތަކުގައި ވަޔަށް ހިކިކަމެއް އާދެއެވެ. ހިކި ވައިން އަނގައާއި ކަރުގައި ހުންނަ ތެތްކަން ދަމައިގަނެ، ހޭލާއިރު ކަރު ހިކުމަށް މަގުފަހިކުރުވައެވެ. މިފަދަ ހާލަތްތަކުގައި ކޮޓަރީގައި ހިއުމިޑިފަޔަރ އެއް ބޭނުން ކުރުމުން މި މައްސަލަ ހައްލު ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު