ވިލާ ކޮލެޖުގެ ދިދަ-
ވިލާ ކޮލެޖުގެ ދިދަ-
ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް، މުއްދަތު ކުރުކޮށް، "ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު،" އިސްލާހުކުރުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.

މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށް ވުރެ ބޮޑަށް ހުޅުވާލައި ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި އިސްލާހާ އެކު ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ވުން ހިމަނާފައިވެއެވެ.

ކޮލެޖަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބެން ފުރިހަމަވާންޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމާއި، ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓް ކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވުމާއި، ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށްވުން ހިމެނެއެވެ.

އަދި މީގެ އިތުރުން އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުން މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުމާއި، ކޮލެޖުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ހުރުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލް ތަސްދީގުކޮށް، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހަދަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު