ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުކުރިއިރު އެއްވެސް މުވައްޒަފެއްގެ މިހާރު ލިބޭ މުސާރަ ކުޑަވެ ގެއްލުމެއް ނުވާނެ ކަމަށާއި، އަސާސީ މުސާރަ އަށް މަދުވެގެން 7000 ރުފިޔާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލުގެ ސަބަބުން މުވައްޒަފުންގެ އާމްދަނީ އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ރައްކާކުރަން ލިބޭ އެއްޗެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންގެ ވެސް އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް ހަތް ހާސް ރުފިޔާއަށް ވުރެ ބޮޑު އަސާސީ މުސާރައެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން މުވައްޒަފުން ރިޓަޔަރ ކުރާއިރު ޕެންޝަން ފަންޑުގައި ޖަމާވާ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ 20000 ހާސް މުވައްޒަފުންގެ މުސާރަ މިއަހަރު މި ބޮޑުކުރެވިގެން މިދަނީ، މިގޮތަށް ޕޭހާމަނައިޒޭޝަން ނުކުރެވޭ ޕޭ ފްރޭމްވޯކަށް ހިޖުރަ ނުކުރާ ފަރާތްތަކަށް އަޅުގަނޑު ވައުދުވީ ފަދައިން މި އަންނައަހަރު މުސާރަ ބޮޑުވާނެ، އެއީ މައިގަނޑު ގޮތެއްގައި ދެން ހުރި ހުރިހާ މިނިވަން ކޮމިޝަންތަކާއި މިފަދަ ތަންތަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުސާރަތައް ހެޔޮ ބަދަލާއެކު ހަމަޖެހިފައިވާ ކަމަށާއި، މައިގަނޑު ކަންބޮޑުވުމަކަށް އޮތް އިތުރު ގަޑީގެ ކަންތައްތަކަށް ވެސް ހައްލުތަކެއް ލިބިފައިވާ ކަމަށެވެ. މިގޮތުން އިތުރު ގަޑީގެ ދިހަ އިންސައްތައިގެ ކެޕް ހަމަވާ މައްސަލައަށް ލުޔެއް ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ ހޮސްޕިޓަލްތަކަކީ 24 ގަޑިއިރު، ހަފްތާގެ ހުރިހާ ދުވަހެއްގައި މަސައްކަތް ކުރަންޖެހޭ ތަންތަނަށް ވާތީ، އެ ދާއިރާއަށް މި ބަދަލުގެ ސަބަބުން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ޖުމުލަކޮށް ހުރިހާ ދާއިރާއަކަށް އެޕްލައިވާނެ ކަމެއް ކަމުގައި ވިޔަސް، އެންމެ ބޮޑަށް ހޮސްޕިޓަލްތައް ނުވަތަ ސިއްޙީ ދާއިރާއަށް އެޕްލައިވާތީ އެއީ މިސާލެއްގެ ގޮތުގައި ފާހަގަކުރެެއްވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިތުރު ގަޑީގެ 10 އިންސައްތައިގެ ކެޕުން މިހާރު ވަނީ ބައެއް ދުވަސްތައް އިސްތިސްނާ ކުރެވިފައި ކަމަށެވެ. އެގޮތުން، ރަމަޟާންމަހުގެ ފަހު ދިހައިގައި ބަންދުވާ ހުރިހާ ދުވަހެއް، އަދި ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމަކުން ބަންދުކުރާ ހުރިހާ ދުވަހެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ވަޒީފާއާ ބެހޭ ޤާނޫނުގައި ފާހަގަކޮށްފައިވާ ރަސްމީ ހުރިހާ ބަންދު ދުވަސްތަކެއް، އޭގެ ތެރޭގައި ހުކުރު ދުވަސް ވެސް ހިމެނޭ ގޮތަށް، މި 10 އިންސައްތައިގެ ކެޕް އެޕްލައި ނުވާނެ ކަމަށާއި، އެ ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ގަޑި ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ގެނެވުނު ވަރަށް ބޮޑު ހެޔޮ ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެެއްވިއެވެ.

މީގެ އިތުރުން، ޕޭ ކޮމިޝަންގެ ފަރާތުން ކޮންމެ މުއައްސަސާއަކަށް ވެސް ކޭސްބައިކޭސްކޮށް ހައްލު ގެނެސްދޭނެ ކަމަށާއި، އެކި މުއައްސަސާތަކުގައި އެކި ހައްލުތައް ގެންނަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޖުޑީޝަރީއާއި އެހެނިހެން މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކުގައި މަސައްކަތްކުރާ މީހުންގެ މަސައްކަތްތަކުގައި ހުރި ތަފާތުތަކަށް އެޑްރެސްކުރެވޭނެ ގޮތަށް ގަވާއިދު ހަދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން މުވައްޒަފުންގެ ތެރޭގައި އެއްވެސް ކަންބޮޑުވުމެއް ނުބޭއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، ޕޭ ކޮމިޝަނަށް ބާރުތަކެއް ލިބިފައި އޮންނަ ގޮތަށް ގަވާއިދު ހަދާފައިވާ ކަމަށެވެ. އަދި ކަމާބެހޭ މުއައްސަސާތަކުގެ ޕީއެސް، އެސްޖީ، އަދި ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުން ޕޭ ކޮމިޝަނާ އެކީގައި މުއާމަލާތްކޮށް، މުވައްޒަފުންނަށް ކަންކަން ސާފުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ޕޭހަރމަނައިޒު ކުރެވިފައިވަނީ ވަރަށް ބޮޑަށް ދިރާސާކުރެވި، މިހާރު ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލު ލިބޭ ގޮތަށެވެ. އަދި މިއީ އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ ކުޑަވެ، ގެއްލުންވާނެ ކަހަލަ ގޮތަކަށް ކޮށްފައި އޮތް ކަމެއް ނޫން ކަމަށާއި، ކޮންމެ ކަމަކަށް ވެސް އެޑްރެސްކުރެވޭ ގޮތަށް ގަވާއިދު ހަދައި، ރަނގަޅު ހައްލު ގެނެވޭ ގޮތަށް މިކަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ކުރިއަށް އޮތް ތަނުގައި މިދެންނެވި ފައިދާތަށް ވާގޮތަށް މިވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިފައި، ހަޤީޤީ މާނައިގައި އޭގެ ފައިދާވާނެ، އެއްވެސް ވަރަކަށް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އެއް ކުޑަވެ އޭގެ ސަބަބުން ގެއްލުންވާނެ ފަދަ ގޮތަކަށް ކޮށްފައި އޮތްކަމެއް ނޫން، ކޮންމެ ކަމަކަށް ވެސް އެޑްރެސް ކުރެވޭގޮތަށް ގަވާއިދު ހަދައި އެއަށް ރަނގަޅު ހައްލު ގެނެވޭގޮތަށް މިވަނީ ހަމަޖެހިފައި" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު