ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި ރައީސް މުއިއްޒު-
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި ރައީސް މުއިއްޒު-
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ، މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. އެގޮތުން ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން މިދިޔަ އަހަރު ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މި އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 2.83 އިންސައްތަ ކުޑަ ބަޖެޓެއް ކަން ފާހަގަ ކުރެވެއެވެ.

މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުވެސް ވިދާޅުވީ މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު