ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ބުނި ހެލިކަޕްޓަރު އެމްބިއުލާސްގެ ހިދުމަތް އޮތީ މަޑުޖެހިފައި ކަމަށާއި، އަންނަ އަހަރު ޚިދުމަތް ފެށޭތޯ ބައްލަވަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ހެލިކަޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިދިޔަ އަހަރު ހުޅުވާލުމުން 36 ކުންފުނިން އެކަމަށް ޝައުޤުވެރިކަން ފާޅުކުރި ކަމަށެވެ.

ނަމަވެސް ހެލިކަޕްޓަރުގެ ހިދުމަތުގެ ތެރެއިން ދައުލަތަށް ލިބޭ މަންފާ މާބޮޑު ކަމަށް އެ ކުންފުނިތަކުން ފާހަގަކޮށްފައިވާތީ، އެކަން މަޑުޖައްސާލަން ޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހުރިހާ ފަރާތްތަކަކުން ވެސް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވީ އަޅުގަނޑުމެން ދައުލަތަށް ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންސްއާ ހިލޭ އެހީގެ ގޮތުގައި ނަގާބައި ބޮޑީކަމަށް. ވުމާއެކު ފުރަތަމަ އާރްއެފްޕީ ޕްރޮސެސް އެއޮތީ ހުއްޓިފައި." އަމީން މިއަދު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަސްތެރޭގައި އެމަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މިދިޔަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޝައުގުވެރިކަން ފާޅު ކުރުމަށް ޓްރާންސްޕޯޓުން ހުޅުވާލީ 6 އޮގަސްޓް 2024 ގައެވެ.

އެ މަޝްރޫއުގެ ދަށުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލިމީހުން އުފުލުމުގެ ހިދުމަތާއި ސާޗް އެންޑް ރެސްކިއު ހިދުމަތުގެ އިތުރުން ފަތުރުވެރިކަމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރި އުސޫލުން އެތެރޭގެ އާންމު އުދުހުންތަކުގެ ހިދުމަތްވެސް ދޭންޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ. އަދި އެކަމަށް ހޮވޭ ފަރާތަކަށް 10 އަހަރު ފަތުރުވެރިން އުފުލުމަށް އެކްސްކްލޫސިވިޓީ ދޭނެ ކަމަށްވެސް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު