އެމްޓީސީސީގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި-
އެމްޓީސީސީގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި-
އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކުގެ ގޮނޑިތަކުގައި ކުރެހުމާއި ތަފާތު އެކި ލިޔުންތައް ލިޔުން ފަދަ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އާންމު ބަހުގެ ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް ފަސޭހަކަމާއެކު، އަދި އަގުހެޔޮކޮށް ދަތުރުފަތުރު ކުރުމުގެ މަގުފަހިކޮށްދިނުމަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތެއް ކަމަށެވެ.

އެހެންނަމަވެސް، އެންމެންގެ ބޭނުމަށް ޚާއްޞަ ކުރެވިފައިވާ މިފަދަ ވަސީލަތްތަކުގެ ގޮނޑިތަކުގައި ކުރެހުމާއި އެކިވައްތަރުގެ ލިޔުންތައް ލިޔުމަކީ ބަސްތަކުގެ ރީތިކަން ގެއްލި، ތަނުގެ ސާފުތާހިރުކަމަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން، ގިނަ ފަހަރަށް މިފަދައިން ލިޔެފައި ހުންނަ ބޭއަދަބީ އަދި ހަޑިހުތުރު ބަސްތަކުގެ ސަބަބުން، ބަހުގެ ޚިދުމަތް ހޯދާ ތުއްތު ކުދިންނާއި ޒުވާނުންގެ އަޚްލާޤަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމުގެ ކަންބޮޑުވުންވެސް އެމްޓީސީސީން ވަނީ ފާޅުކޮށްފައެވެ.

އެހެންކަމުން، ތަހުޒީބު މުޖުތަމަޢެއްގެ ގޮތުގައި އެންމެން ގުޅިގެން މިފަދަ ނުރަނގަޅު އާދަތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށާއި، އެންމެންނަށްވެސް ބޭނުންކުރަން ފަސޭހަ، ސާފުތާހިރު، ހިތްގައިމު އަދި އިޙްތިރާމް ލިބިގެންވާ މާޙައުލެއް ޤާއިމުކުރުމަށް އެއްބާރުލުން ދިނުމަށް އެމްޓީސީސީން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް