އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
ދިވެހިންގެ އެއާޕޯޓަށް ހިތުހުރި ގޮތެއް ހަދަން ދޫކޮށް ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ، ހުޅުލޭ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކީ ދިވެހިންގެ އަތުގައި އޮތް އެންމެ މުހިންމު ސްޓްރެޓެޖީކް އެސެޓް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށާއި، އެއީ ދިވެހިންގެ މަސައްކަތްތެރިކަމުގެ ރަމްޒު ކަމަށް އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު އެއީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހި އިގްތިސާދުގެ މައި ތަނބުކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

"ދިވެހިންގެ އެއާޕޯޓަށް ރައީސް މުއިއްޒު ހިތުހުރިގޮތެއް ހަދަން ދޫކޮށެއް ނުލެވޭނެ!" އިމްރާން ވިދާޅުވިއެވެ.

އޭގެިތުރުން އިމްރާން ވިދާޅުވީ، އެއާޕޯޓު މޯގޭޖުކޮށް އެތަން ތަރައްޤީ ކުރުމުގެ ނަމުގައި ބިލިޔަނުން ލޯނުނަގައި އެކިނަންނަމުގައި އަމިއްލަ މަންފާއަށް ކަމާނުގުޅޭ ސިޔާސީ ކަންކަމަށް ޚަރަދުކުރުމުގެ ނަތީޖާއަކަށްވާނީ ދުވަސްކޮޅަކުން ލޯނުތައް ޑީފޯލްޓްވެ އެއާޕޯޓު ގެއްލި ފަތުރުވެރިކަމުގެ ސިނާއަތް އެކީ ހަލާކުވެދިއުން ކަމަށެވެ.

"ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންވީ ދުވަސް ޖެހިއްޖެ!" އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން "ޕެނިންސުއުލާ އިންފްރާސްޓްރަކްޗާ"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް މި އޮކްޓޯބަރ 6ގައި ވަނީ އުފައްދާފައެވެ. އަދި އެކުންފުނިން ބިން ހިއްކަން މިއަހަރު 3 ޑްރެޖަރު ގެންނަން ވަނީ ނިއްމާފައެވެ.

ސަރުކާރުގެ ވިޔަފާރި ޕޯޓަލުގައިވާ ގޮތުން، މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. ޝަރީފާއެކު މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ އަހްމަދު އަސަދު ހާޝިމާއި މުހައްމަދު މިހާދާއި އަހްމަދު ސާނިއުގެ އިތުރުން ހުސައިން ރިޔާޒެވެ.

އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއް އުފެއްދިއިރު، ރަށްރަށުގެ ބިން ހިއްކުމާއި އިންފްރާސްޓްރަކްޗާގެ ބޮޑެތި އެހެނިހެން މަސައްކަތްތައް ދައުލަތުގެ އެކި ކުންފުނިތަކާ އަންނަނީ ހަވާލު ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގެ އެއާޕޯޓުތައް ހެދުމަށް ބޭނުންވާ ބިން ހިއްކުމާ ވެސް އެމްއޭސީއެލުން ވަނީ ހަވާލުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު