ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ ޓްރަކުތައް
ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ ޓްރަކުތައް
ހަނގުރާ ހުއްޓާލަން އިއުލާނުކުރި ފަހުން، އަދި ފަލަސްތީނުގެ ޣައްޒާއަށް އެތެރެކުރެވުނީ ދެ ހަފްތާއަށް ވާ ވަރަށް ކާބޯތަކެތި ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްޕީގެ ސީނިއަރ ރީޖަނަލް ކޮމިއުނިކޭޝަންސް އޮފިސަރ އަބީރު އެޓެފާ ވިދާޅުވީ އޮކްޓޯބަރު 11 ގައި ހަނގުރާމަ ހުއްޓާލަން އިއުލާނުކުރި ފަހުން، ގާތްގަނޑަކަށް ދެ ހަފްތާއަށް ބޭނުންވާ މިންވަރަށް، 500،000 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދެވޭ މިންވަރަށް، 6،700 މެޓްރިކް ޓަނުގެ ކާބޯތަކެތި ޣައްޒާއަށް ވެއްދިފައި ވާކަމަށެވެ.

އަބީރު ވިދާޅުވީ މިހާރު ދުވާލަކު އެވްރެޖްކޮށް 750 ޓަނުގެ ކާބޯތަކެތި ވައްދަމުން އެބަގެންދާ ކަމަށާއި، މިއީ ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު ވަރަށް ރަނގަޅު އަދަދެއް ކަމަށެވެ. އެހެންނަމަވެސް މިއީ އަސްލު ޓާގެޓާ އަޅާބަލާއިރު ވަރަށް މަދު އަދަދެއް ކަމުގައި އަބީރް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެފްޕީގެ އަމާޒަކީ ދުވާލަކު އެވްރެޖްކޮށް 2000 ޓަނުގެ ކާބޯތަކެތި ޣައްޒާއަށް އެތެރެކުރުމެވެ. އަބީރް ވިދާޅުވީ ހުރިހާ ބޯޑަރު ކްރޮސިންގްތަކެއް ބޭނުން ނުކުރެވޭނަމަ، މި ޓާގެޓަށް ވާސިލުވުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމެއް ކަމަށެވެ. މިވަގުތު ހުޅުވިފައި ހުރީ ހަމައެކަނި ދެކުނުގައި ހުރި ކެރެމް ޝަލޯމް އަދި ކިސުފިމް ކްރޮސިންގްތަކެވެ.

އެއޭޖެންސީން މިހާރު ވަނީ 145 ޑިސްޓްރިބިއުޝަން ޕޮއިންޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އަލުން ގާއިމުކުރަން ފަށާފައެވެ. މިހާތަނަށް 26 ޑިސްޓްރިބިއުޝަން ޕޮއިންޓް ވަނީ އަލުން ގާއިމުކުރެވިފައެވެ.

އަބީރް ވިދާޅުވީ ކާބޯތަކެތި ލިބޭތީ މީހުން ވަރަށް ޝުކުރުވެރިވާ ކަމަށާއި، ނަމަވެސް ނަމަވެސް، މި އެއްބަސްވުން ކިހާ ދުވަހަކަށް ދެމިގެންދާނެކަމާމެދު ޔަގީންކަން ކުޑަވުމާއެކު، އެހީގެ ގޮތުގައި ލިބޭ ކާބޯތަކެތީގެ ބައެއް ރައްކާކޮށް ބަހައްޓާކަން ފާހަގަވިކަމަށެވެ.

އަދި ޣައްޒާގައި ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް މަތިވެފައިވާކަމާއި، މާކެޓުން ކާބޯތަކެތި ލިބެން ހުރި ނަމަވެސް، އަގުބޮޑުކަމުން ގަތުމަށް ދަތިވާ މިންވަރަށް ހުރިކަންވެސް އަޓަފާ ފާހަަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު