ކ-ވ: އަދާލަތު ޕާޓީގެ ރައީސް އިމްރާން އަދި ރައީސް މުޢިއްޒު
ކ-ވ: އަދާލަތު ޕާޓީގެ ރައީސް އިމްރާން އަދި ރައީސް މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ދިން ފަރާތްތަކުގެ ތެރެއިން 60-70 އިންސައްތަ މީހުން މިހާރުގެ ސަރުކާރާއި މެދު މާޔޫސްވެފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް، އަދި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ގެންނަން ވޯޓުދިން 60-70 އިންސައްތަ މީހުން ސަރުކާރާއި މެދު މާޔޫސްވެފައިވާ ކަމަށެވެ. ރައީސް މުޢިއްޒު ވެެެރިކަމަށް ގެންނަން ވޯޓު ދިނުމަކީ އެމީހެއްގެ ސަބަބުން ހިނގި ކަމެއްކަމަށް ބުނަން ވެސް މިއަދު އެތައް ބަޔަކު ލަދުގަނެ ދެރަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"މިހާރަކު ނެތް ރަށެއްގައި ވެސް ރައީސް މުއިއްޒު ވޯޓު ދިންމީހެއް ވެސް ނެތީ،" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް އިޚްލާޞްތެރި، ތެދުވެރި ވެރިއަކަށް ވާންޖެހޭ ކަމަށެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް އެމަނިކުފާނު އިތުރުފުޅު ހައްދަވައި އޮޅުވާލަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ވެރިއެއްގެ އެންމެ ބޮޑު ސިފަޔަކީ ރައްޔިތުންނަށް އިޚްލާޞްތެރިވުން. ރައްޔިތުންނަށް އިޚްލާސްތެރި ވެރިއަކު ރައްޔިތުންނަށް ތެދުވެރި ވެރިއަކު މިވަރަކަށް ރައްޔިތުންނަށް ދޮގެއް ނަހަދާނެ، އޮޅުވައެއްނުލާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް މުޢިއްޒު ރައްޔިތުންގެ ވަލިއްޔުލްއަމުރުގެ މަސްއޫލިއްޔަތުތައް އަދާނުކުރައްވާ ކަމަށާއި، ރައްޔިތުންނަށް ލިބެންހުރި ފައިސާ އަމިއްލަ މަސްލަހަތަށް ބޭކާރުކޮށްލާ ކަމަށެވެ. މުޅި ދައުލަތް ހުސްވެ ދަރަނިވެރިވަމުންދާ ކަމަށާއި، ދައުލަތް ބިކަވަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ވެސް ރާއްޖޭގެ ރައްޔިތުން އާއިލާތައް ހާލުގައި ނުޖެހުނު ވަރަށް މިއަދު ހާލުގައި ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ނިމުނުއިރު، ކޮވިޑުގެ ހުރިހާ ދަތިތަކަކަށް ހިންދެމި ލެވިފައި އޮތް ކަން ފާހަގަކުރައްވާފައެވެ. ކޮވިޑް ތެރޭގައި ދޫކުރި ލޯނުތަކާއި، ލަސްކުރި ކުލިތަކާއި، ރައްޔިތުން ދައުލަތަށް ދައްކަންޖެހޭ ފައިސާތަކާއި، ބޮޑުކުރި ޓެކްސްގެ ފައިދާ 2024 ވަނަ އަހަރު ދައުލަތަށް ލިބެން ފެށިއިރު، 2025 ނިމެންދާއިރު ވެސް ރައްޔިތުން ދުވަހުން ދުވަހަށް ނިކަމެތިވަމުން ދަނީ ކީއްވެތޯ އިމްރާން ސުވާލުކުރެއްވިއެވެ.

އިމްރާން ފާހަގަކުރެއްވީ، ކުރިން އަހަރަކު 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިއިރު، މިހާރު 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށެވެ. މިހެން ގިނަ ފައިސާ ދައުލަތަށް ވަދެ، އިތުރުވަމުންދާއިރު ވެސް ރައްޔިތުންގެ އަތް މަތީގައި ހުރި ފައިސާކޮޅު ހުސްވެ، ތަކެތީގެ އަގު ބޮޑުވަމުންދަނީ ރައީސް މުޢިއްޒަށް އެމަނިކުފާނުގެ ޒިންމާތައް އަދާނުކުރެވޭތީ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއެއްގެ ޒިންމާ އަދާކުރަންވީ ގޮތް ރަނގަޅަށް ކިޔައިދެވިއްޖެނަމަ، ރައީސް މުޢިއްޒު އަމިއްލައަށް އެ ޒިންމާ އަދާނުކުރެވޭކަން އެމަނިކުފާނު މިއަދު ޤަބޫލުކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު