ޣައްޒާގެ ރައްޔިތުން-
ޣައްޒާގެ ރައްޔިތުން-
ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖައްސައި، ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް އިސްރާއީލުން ހުރަސް އަޅަމުންދާތީ އދ. އިން ކަންބޮޑުވުން ފާޅުކޮށްފިއެެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން އައި ޖިނޮސައިޑު ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް އެކުލަވާލާފައި ވީނަމަވެސް ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ފުޅާ ކުރުމަށް އިސްރާއީލުން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ.

މިކަމާ ގުޅިގެން އދ. އިން ބުނީ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެ ސަހަރަށް ކާބޯތަކެއްްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރެވެމުން ނުދާ ކަމަށެވެ. އަދި މިހާރު ވެސް ޣައްޒާގެ ސަރަޙައްދީ ރޮނގުން ބޭރުގައި 190,000 ޓަނުގެ އެހީގެ ސާމާނު ހުއްޓުވާފައި އެބަހުރި ކަމަށާއި، އެއީ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތި ފަދަ ސާމާނު ކަމަށެވެ.

އިސްރާއީލުން ބުނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު އެކުލަވައިލާފައިވާ އެއްބަސްވުމުގެ ދަށުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ 600 ލޮރީ ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ވެސް ދެމުންދާ ކަމުގައެވެ. ނަމަވެސް މިއީ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެއް ކަމުގައި އދ. އިން ވަނީ ބުނެފައެވެ.

އަދި، ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު އޮކްސްފެމާއި ނޮވީޖިޔަން ރެފިއުޖީ ކައުންސިލް ފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ހުޅުވައިލުމަށް އދ. އިން ވަނީ ގޮވާލާފައެވެ. އެފަރާތްތަކުގެ އެހީތެރިކަމާ ނުލައި މި ފަދަ އޮޕަރޭޝަނެއް ހިންގައި [ކާބޯތަކެތި] ބެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މީހުން މި ކަމުގައި ބައިވެރި ކުރުވަން ބޭނުންވާ ކަމަށް އަދ. އިން ވަނީ ބުނެފައެވެ.

އދ. އިން ބުނީ މަދުން އިންސާނީ ފޯރުކޮށްދޭނަމަ ހައިހޫނުގައި ޖެހިފައިވާ މީހުން އެ ތަކެއްޗަށް އަރައިގަންނާނެ ކަމަށާއި، އެ ފަދަ ލޫޓުވުމުގެ އަމަލުތައް ހުއްޓުވޭނީ ވީހާވެސް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކޮށް، އަމިއްލަ ވިޔަފާރިތަކާއި މާރުކޭޓުތައް ހުޅުވައިލައިގެން ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ވަކި ވަރަކަށް ކާބޯތަކެތި އެތެރެކުރުމުގެ ފުރުސަތު ދީފައި ވީނަމަވެސް، މުހިންމު ބައެއް ބޯޑަރުތައް ހުޅުވުމަށް އަދިވެސް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު