ފަލަސްތީނުގެ ޣައްޒާ-
ފަލަސްތީނުގެ ޣައްޒާ-
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން މަރުވެފައިވާ އެންމެންގެ ހަށިގަނޑުތައް ހަވާލު ކޮށްފައިވާ ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސް އިން ބުނީ އެ ޖަމާއަތުގެ ބާރުގެ ދަށުގައި ތިބި މަރުވެފައިވާ ރަހީނުންގެ ތެރެއިން، ލިބެން ހުރި ހުރިހާ މީހުންގެ ހަށިގަނޑުތައް އިސްރާއީލްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އިތުރު ދެ މީހުންގެ ހަށިގަނޑު ރެޑް ކްރޮސްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ޖެނޮސައިޑު ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހޯމަ ދުވަހުން ފެށިގެން ހަމާސް އިން ވަނީ ރަހީނުން މިނިވަން ކުރަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވަނީ ދިރި ތިބި 20 ރަހީނުން މިނިވަންކޮށް، އިސްރާއީލްއާ ހަވާލު ކޮށްފައެވެ. އޭގެ ބަދަލުގައި އިސްރާއީލް އިން ވަނީ، އެ ޤައުމުގެ ހައްޔަރުގައި ތިބި ފަލަސްޠީނުގެ 2000 އާ ގާތް ކުރާ އަދަދަކަށް ރައްޔިތުން މިނިވަން ކޮށްފައެވެ.

އަދި އިއްޔެގެ ވަގުތެއްގައި ހަމާސް އިން ވަނީ މަރުވެފައިވާކަން އެނގޭ 28 ރަހީނުންގެ ތެރެއިން ހަތް މީހެއްގެ ހަށިގަނޑު އިސްރާއީލްއާ ހަވާލު ކޮށްފައެވެ. އަދި އޭގެ ފަހުން ދަންވަރުގެ ވަގުތެއްގައި ވަނީ ދެން ފެނުނު 2 މީހުންހެ ހަށިގަނޑުވެސް ހަވާލުކޮށްފައެވެ.

ހަމާސްއިން ބުނީ އެ ޖަމާއަތަށް ލިބެން ހުރި ހުރިހާ ހަށިގަނޑެއް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި އިތުރު ހަށިގަނޑުތައް ހޯދުމަށް ވަގުތާއި، ވަސީލަތްތައް ބޭނުންވާނެ ކަމަށް ވަނީ ބުނެފައެވެ.

މަރުވެފައިވާ ހުރިހާ ރަހީނުންގެ ހަށިގަނޑު ހަވާލުނުކޮށްފިނަމަ ޣައްޒާ އަށް ފޯރުކޮށްދޭ އެހީ ހުއްޓާލާނެ ކަމަށް ބުނެ އިސްރާއީލުން ވަނީ އިންޒާރު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު