ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
2025 ވަނަ އަހަރުގެ ވޯލްޑް މެރިޓައިމް ކޮންފަރެންސްގައި ބައިވެރިވުމަށް ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީން ޗައިނާގެ ފުޖިއާން ޕްރޮވިންސަށް ފުރާވަޑައިގެންފިއެވެ.

މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 16ވަނަ ދުވަހުން 19ވަނަ ދުވަހަށެވެ. މި ކޮންފަރެންސްގައި 50 އަށްވުރެ ގައުމުތަކުންނާއި ސަރަހައްދުތަކުން 800 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ "ވޯލްޑް މެރިޓައިމް އިކުއިޕްމަންޓް ކޮންފަރެންސް 2025"ގެ ނަމުގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ، ކަނޑު ދަތުރުފަތުރުގެ އަދި އުޅަނދުފަހަރު ބަނދަރުކުރުމުގެ ޞިނާޢަތާ ބެހޭ ދުނިޔޭގެ އެންމެ ބޮޑު އެއް ބައްދަލުވުން ކަމަށެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި، ދާއިރާގެ އިސް ބޭފުޅުންނާއި، ޞިނާޢަތުގެ މާހިރުން ބައިވެރިވެ، އުޅަނދުފަހަރު ބަނދަރުކުރުމުގެ ދާއިރާއާއި ބަނދަރުތަކުގެ ޓެކްނޮލޮޖީއާއި ދެމެހެއްޓެނިވި ކަނޑު ދަތުރުފަތުރުގެ ތަރައްޤީއަށް އަންނަ އެންމެ ފަހުގެ އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ކޮންފަރެންސާ ގުޅިގެން "ޗައިނާ މެރިން އިކުއިޕްމަންޓް އެކްސްޕޯ 2025"ގެ ނަމުގައި ބޮޑު މައުރަޒެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކޮންފަރެންސްގައި ހުޅުވުމުގެ ރަސްމިއްޔާތަކާއި، 13 ތަފާތު ސަބް-ފޯރަމްއަކާއި، އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ.)އާ ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ސެމިނަރތަކެއް ވެސް އޮންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސެޝަންތަކުގައި މެރިޓައިމް ދާއިރާގެ ކުރިމަގާއި، ޓެކްނޮލޮޖީގެ އީޖާދުތަކާއި، ދެމެހެއްޓެނިވި ކަނޑުގެ އިޤްތިޞާދީ ކުރިއެރުމާ ބެހޭ މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު