ބައިވެރިން-
ބައިވެރިން-
ކައިވެންޏަކީ ވަރަށް މާތް މަގްސަދެއްގައި، އަދި މުޅި އުމުރު ދުވަހު އެކުގައި އުޅުމުގެ މަގްސަދުގައި ކުރާ ކަމެކެވެ. މުޖުތަމަޢުގެ އެންމެ އަސާސީ އެއް ބަޔަކީ ކައިވެނީގެ ގުޅުމުން ގުޅިފައިވާ އާއިލާއެވެ. މިގުޅުމަކީ ހަމައެކަނި ދެމީހެއްގެ މެދުގައި ވެވޭ އެއްބަސްވުމެއް ނޫނެވެ. އެއީ ދެމީހުންގެ ދެމެދުގައިވާ ލޯތްބާއި، އިހުތިރާމާއި، ކެތްތެރިކަމާއި، ޤުރުބާނީގެ ދަތުރެކެވެ.

ކައިވެނީގެ ގުޅުން ދިގުދައްމައި، ވަރުގަދަކޮށް، ބާއްޖަވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ދެފަރާތުންވެސް ގިނަ ކަންތައްތަކެއް ކުރަންޖެހެއެވެ.

ކައިވެނީގެ ގުޅުން ވަރުގަދަކުރުމަށް އެންމެ މުހިންމު އެއްކަމަކީ، ދެމަފިރިންގެ މެދުގައި އޮންނަ އިހުތިރާމާއި އެކަކު އަނެކަކަށް ބައިވެރިޔާގެ ނަފްސު އެނގުމެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ޝަހްސިއްޔަތުވެސް ތަފާތު ވާނެއެވެ. އެހެންކަމުން، އެކަކު އަނެކެއްގެ ހިޔާލުތަކާއި، އިޙްސާސްތަކާއި، ބޭނުންތަކަށް އިހުތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަކަށް ދެވޭ އިހުތިރާމުގެ ސަބަބުން ގުޅުމުގައި ހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެންދެއެވެ.

ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް އެންމެ ބޮޑު އެއް ބާރަކީ ހާމަކަންބޮޑު ގުޅުންތަކެވެ. އެކަކު އަނެކަކަށް ހިތުގައިވާ ޝަކުވާތަކާއި، އުއްމީދުތަކާއި، ޖެހިލުމެއް ނެތި ބައިވެރިޔާއަށް ބުނެދިނުމުގެ ފުރުސަތު އޮންނަން ޖެހެއެވެ. މައްސަލަތައް ކުރިމަތިވާއިރު، އެކަކު އަނެކަކަށް ރަނގަޅަށް ސަމާލުކަންދީ، އަޑުއަހައި، ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. ވާހަކަދެއްކުމުގެ ދޮރު ބަންދުވެއްޖެނަމަ، ގުޅުމުގެ މައްސަލަތައް ބޮޑުވެ، ދެމަފިރިން ދުރުވެދާނެއެވެ.

ލޯތްބާއި ކުލުނު ފާޅުކުރުމަކީވެސް ކައިވެނީގެ ގުޅުން ދިގުދައްމައި، ވަރުގަދަކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ލޯބި ހަމައެކަނި ހިތުގައި ބޭއްވުމަކުން ނުފުދެއެވެ. ބައިވެރިޔާއަށް ލޯތްބާއި ކުލުނު ފާޅުކުރުމަކީ އެގުޅުން ދިރުވައި، ތާޒާކޮށްދޭނެ ކަމެކެވެ. ކުދިކުދި ހަދިޔާތަކާއި، ބަސްތަކުން ލޯބި ފާޅުކުރުމާއި، އެކުގައި ވަގުތު ހޭދަކުރުމާއި، އަދި ދެމީހުންގެ މެދުގައި އޮންނަ ގާތްކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ އެ ގުޅުން އިތުރަށް ވަރުގަދަކޮށް އާލާކޮށްދޭ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު