އައިޑީކާޑު ދޫކުރުން
އައިޑީކާޑު ދޫކުރުން
ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ. ހަނިމާދޫގައި ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ މަގުފަހިކޮށް ދިނުމަށްޓަކައި، ކޮންމެ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް، ކާޑު ހައްދައިދިނުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އެގޮތުން ހދ. ހަނިމާދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އައިޑީކާޑުގެ ޚިދުމަތް ރާއްޖޭގެ 20 އަތޮޅެއްގެ 34 ރަށެއްގައި މިހާރުވަނީ ފަށާފައެވެ.

މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ 2021 ގައެވެ. އަދި ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ ގޮތުން އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި ރާއްޖެއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.



ކިޔުންތެރިންގެ ހިޔާލު