އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ (ކ) އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެކު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ (ކ) އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެކު
ވެރިކަންކުރާ ޕާޓީގެެ މީހުން ބިރުގަންނަ ކޮންމެ ފަހަރަކު ފުލުހުން ބަޔާން ނެރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އޮކްޓޯބަރ 3ގައި ބާއްވާ އެއްވުމާ ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނަށް މޫސަ ފާޑުވިދާޅުވެފައިވާއިރު، އަންނަ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ބުނެފައެވެ.

އެބަޔާނަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ، ފުލުހުންގެ ބަޔާން އޮތީ ވަރަށް ބޮޑަށް މާޒީގެ ތެރެއަށް ގޮސްފައި ކަމަށެވެ. ނަމަވެސް މިއީ 2025 ކަމަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނު ތަކުގައި ބަޔަކަށް ގެއްލުމެއް ލިބިދާނެފަދަ ޢަމަލެއް ރާވާނަމަ އެކަމެއް ކުރިޔާލާ ހުއްޓުވުމުގެ ބާރު ފުލުހުންނަށް އޮތްކަން މޫސަ ފާހަގަ ކުރެއްވިއެވެ.

"ތަނަކަށް މުދަލަކަށް އެއްވެސް މީހަކަށް ގެއްލުމެއްދޭން ބަޔަކު ރާވާނަމަ މިކަހަލަ ވާހަކަ ނުފަތުރާ ކަމެއްކުރުމުގެ ކުރިން ބިރުދައްކަންނޫޅެ އެފަދަކަމެއް ކުރާބަޔަކު ހިފާޙައްޔަރުވެސް ކުރާނެތާ؟" މޫސަ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މޫސަ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އިދިކޮޅުޕާޓީ ކަމަށާއި، ސިޔާސީ އެއްވުން އެއްވުމާއި، ސިޔާސީ ޙަރަކާތް ހިންގުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިދޭ ޙައްޤެއް ކަމަށެވެ.

"ވެރިކަންކުރާ ޕާޓީގައި ތިބިބަޔަކު ބިރުން ފިއްކެނޑޭ ކޮންމެ ފަހަރަކު އިންޒާރު ދިނުމަކީ ފުލުހުންވެސް ކުރަން ރަނގަޅު ކަމެއްނޫން. މީހުން ބަދުނާމު ކުރަންވާނީ އަސާސެއްގެ މައްޗަށް ބަލާފަ." މޫސަ ވިދާޅުވިއެވެ.



ފުލުހުންގެ ބަޔާނަށް ރީކޯ ފާޑުވިދާޅުވެފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ބުނެފައެވެ.

އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުންގެ ޚިދުމަތުން ފުރުސަތު ނުދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުންގެ ބަޔާނަށް ރައްދު ދެމުން އެމްޑީޕީން ބުނެފައިވަނީ، އޮކްޓޯބަރ 3 ގައި މާލެތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް އެހެންބަޔަކު ގްރޫޕްތަކަކަށް ފައިސާ ދީފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަން ފުލުހުންނާއި ޙިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު