ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޅި މުބާރާތުން 1ވަނަ ހާސިލު ކުރާ ފަރާތްތަކަށް ހާއްސަ ސްކޯލާޝިޕެއް ދޭން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު މިކަން އިއުލާންކޮށްދެއްވަމުން ވިދާޅުވީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާކަމަށެވެ.

އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައި، ބަލައިގެން ކިޔެވުމުގެ ބައި، އަދި ޙާފިޡުންގެ ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން، މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

މީގެއިތުރުން މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވުމުގެ އިތުރުން އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.



ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދެވޭ މުބާރާތަށް، މިއަހަރުން ފެށިގެން ހައްދަވާނެކަމުގައި މިދިޔަ އަހަރު ބޭއްވެވި 36 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ބޮޑަށް ހިތްވަރު ދޭންޖެހޭނީ، އަދި އެންމެ ބޮޑެތި އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު