މަރްޔަމް ނަހްދާ ވަޙީދު   29 ސެޕްޓެމްބަރު 2025 - 16:27
ޕާސްޕޯޓު ދޫކުރަނީ-
ޕާސްޕޯޓު ދޫކުރަނީ-
ޕާސްޕޯޓު ހެއްދުމަށްފަހު ނުނަގާ ގިނަ ދުވަސްވެފައިވާ ޕާސްޕޯޓުތައް، 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްްގައި ވަނީ ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަކޮށް އެފަދަ ފަރާތްތަކުން ވީއެންމެ އަވަހަށް ޕާސްޕޯޓާ ހަވާލުވުމަށް އެދިފައެވެ.

އެގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން މި އަހަރުގެ ޑިސެމްބަރު 31ވަނަ ދުވަހުގެ ކުރިން ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

އެ މުއްދަތުގެ ފަހުން ނުނަގާ ހުރި ޕާސްޕޯޓުތައް ޕާސްޕޯޓާބެހޭ ޤަވައިދުގެ 19ވަނަ މާއްދާގައި ވާގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޕާސްޕޯޓާ ހަވާލުވުމުގެ އެންމެ ފަހުގެ މުއްދަތަކީ 31 ޑިސެމްބަރެވެ. އެއަށްފަހު ޕާސްޕޯޓުތައް ކެންސަލް ކުރެވޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު