ފަނޑިޔާރުން ހުވާކުރުން (ފައިލް ފޮޓޯ)
ފަނޑިޔާރުން ހުވާކުރުން (ފައިލް ފޮޓޯ)
ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމާބެހޭ ގަވައިދު އާންމު ކޮށްފި އެވެ.

މި ގަވާއިދުގައި ވާގޮތުން އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރަކު އައްޔަނު ކުރާނީ އެފަރާތެއްގެ ތައުލީމާ، ތަޖުރިބާ އާއި އަހުލާގާއި ގާބިލުކަމަށް ބެލުމަށް ފަހުއެވެ. އަދި އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ވެސް ބަލާނޭ ކަމަށް ގަވައިދުގައިވެ އެވެ.

މި ޤަވާއިދުގައި ޖުމުލަ އަށް މާއްދާ ހިމެނިފައިވާއިރު، އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއި، އިންޓަވިއު ކުރުމާއި، އިންޓަވިއު ގްރޭޑް ކުރާނޭ ގޮތާއި އިސް ފަނޑިޔާރު އައްޔަނު ކުރާނެ މިންގަނޑު އަދި އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރާނެ ފަނޑިޔާރު ކަނޑައެޅުމާއި ބެހޭ ބައިތައް ހިމެނެ އެވެ.

ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކާއި، ޖުޑިޝަލް ދާއިރާއަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމަށް ޖޭއެސްސީން ހުޅުވާލުމުން އެ ކަމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތި ލެވޭނީ އެ ދާއިރާއެއްގެ ކޯޓްތަކުގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން އިސް ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް އިންޓަވިއު ކުރުމުގައި ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ ނަޒަރިއްޔާތާއި މުއާމަލާތް ކުރުމުގެ ހުނަރުގެ އިތުރުން އަމިއްލަ ނަފްސަށް އިތުބާރު ކުރާ މިންވަރާއި މަސައްކަތު އަހުލާގާއި ހިންގުމުގެ ހުނަރު އަދި ކުރިމަތި ލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުންހުރި މިންވަރަށް ބަލާނެ ކަމަށް ގަވައިދުގައި ވެއެވެ.

އިސް ފަނޑިޔާރު ކަމަށް ކުރާ އިންޓަވިއު އަށްފަހު އެންމެ މަތިން ގްރޭޑް ކޮށްފައިވާ ފަނޑިޔާރަށް އެންމެ ފުރަތަމަ ޖޭއެސްސީގެ މެމްބަރުންގެ މެދުގައި ވޯޓަށް އަހައި، ކޮމިޝަންގެ އަޣުލަބިއްޔަތު ފުރަތަމަ ލިބޭ ފަނޑިޔާރެއް އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރެވޭނެ ކަމަށާއި ޖުމުލަ މާކްސް އެއްވަރުވާ ހާލަތުގައި ވޯޓަށް އެންމެ ފުރަތަމަ އަހާނީ ފަނޑިޔާރުކަމުގެ ހިދުމަތުގައި ވީ މުއްދަތަށް ބެލުމަށްފަހު ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން