ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ކޮޅުމަޑުލު އޮމަދޫގެ އިހުތިސާސްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިހުތިސާސްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީނުކުރެވޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރުވެސް އެ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިހުތިސާސްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ގާނޫނީގޮތުން އެފަދަ ފުރުސަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަމުގައި ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިހުތިސާސްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަކަމަށެވެ. އަދި އެކަން ލަސްވާ ސަބަބު އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. އަދި މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ފަށައިގެން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކޮށްގެން ވިޔަސް، ސަރުކާރުން އެމަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޮމަދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާނެކަމަށާއި، ސިއްހީ މަރުކަޒަށް މިއަހަރު އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި އަންނައަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އައު މިސްކިތެއް އަޅުއްވައި، ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވައި، ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށްދެއްވައި، ރޭގަނޑު ކުޅެވޭގޮތަށް ދަނޑު ތަރައްގީކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު