ނިލަންދޫގައި ޕާސްޕޯރޓްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ދާހިލީ ވަޒީރު
ނިލަންދޫގައި ޕާސްޕޯރޓްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ދާހިލީ ވަޒީރު
ފ. އަތޮޅާއި ވ. އަތޮޅުގައި ދިވެހި ޕާސްޕޯޓު ހެެއްދުމުގެ ހިދުމަތް ފަށައިފިއެވެ.

ފ. ނިލަންދޫގައި ޕާސްޕޯޓްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިހްސާނެވެ.

ވ. އަތޮޅުގައި މި ޚިދުމަތް ފެށީ އެއަތޮޅުގެ ވެރިކަން ކުރާ ރަށް ފެލިދޫގައެވެ. އެރަށުގައި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާނެވެ.

ދާޚިލީ ވުޒާރާއިން ބުނީ ފެލިދޫ އާއި، ނިލަންދޫގައި މި ހިދުމަތް ފެށުމާއެކު، އެ ދެއަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

އައިޑީ ކާޑާއި، ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން، ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙް ކޮށްފައެވެ.

އަދި މި ދެއަތޮޅުގައި ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު މިހާރު ޖުމްލަ 13 އަތޮޅަކަށް މި ޚިދުމަތް ފުޅާކުރެވިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު