ބައްޕައެއް ދަރިންނާ އެކު-
ބައްޕައެއް ދަރިންނާ އެކު-
ބެލެނިވެރިކަމަކީ ދުނިޔޭގެ އެންމެ މަތިވެރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ. ކުދިން ބަލައި ބޮޑުކޮށް، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، އެކުދިންގެ ހުރިހާ ބޭނުންތަކެއް ފުއްދުމަކީ ދުވާލަކު 24 ގަޑިއިރު، ހަފްތާއަކު 7 ދުވަހު ނުހުއްޓި ކުރަންޖެހޭ ކަމެކެވެ. މިއީ ވަރަށް ބޮޑަށް ހަށިގަނޑަށާއި ނަފްސަށް ބާރުބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު މީހާ ވަރަށް ބޮޑަށް "ބަރންއައުޓު" ވާގޮތްވެއެވެ.

މިފަހަރު މި ހިމަނާލަނީ ބަރންއައުޓުވުމުން ދުރުވުމަށްޓަކައި ކޮންމެ ބެލެނިވެރިޔަކަށްވެސް ކުރެވިދާނެ ބައެއް ކަންކަމެވެ.

ނަފްސަށް ވަގުތު ދިނުން

ބެލެނިވެރިންގެ ތެރެއިން ގިނަ ބަޔަކު ދެކެނީ އެމީހުންގެ ވަގުތު އެއްކޮށް ކުދިންނަށް ހުސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ. ނަމަވެސް، މިގޮތަށް އަމަލުކުރުމުން އެމީހުންގެ އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމާއި ރޫހާނީ ހާލަތަށް އަސަރުކޮށް، ބާންއައުޓުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިހެންވެ، ބެލެނިވެރިންނަށްވެސް އެމީހުންގެ ހިތްހަމަޖެހުމަށްޓަކައި ވަގުތުކޮޅެއް ހޭދަކުރުން މުހިންމެވެ. ކޮންމެ ދުވަހަކު ނުވަތަ ހަފްތާއަކުވެސް ކުޑަ ވަގުތުކޮޅެއް ނަމަވެސް، އަމިއްލަ ނަފްސަށް ކަމުދާ ކަމެއްގައި ހޭދަކޮށްލުމަކީ ނަފްސަށް ލިބޭ ހަމަޖެހުމެކެވެ. މިސާލަކަށް، ފޮތެއް ކިޔައިލުން، ކަސްރަތު ކޮށްލުން، ހަމަހިމޭން ތަނެއްގައި މަޑުކޮށްލުން ނުވަތަ ރަހުމަތްތެރިޔަކާ ބައްދަލުކޮށްލުން ހިމެނެއެވެ. މިފަދަ ކަންތައްތަކަކީ ނަފްސަށް ބާރުދީ، ހިތަށް އުފާވެރިކަން ގެނެސްދޭ ކަންތައްތަކެވެ. މިގޮތަށް އަމަލުކުރުމަކީ ކުދިންނަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް އިތުރަށް ބާރުލިބޭނެ ގޮތެކެވެ.

އެހީތެރިކަން ހޯދުން

ބެލެނިވެރިކަމަކީ އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ދިމާވާ ދަތިތަކުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހި، އެކަން ކުރުމަކީ ބާންއައުޓުވުމުން ދުރުވުމަށް ވަރަށް މުހިންމު ކަމެކެވެ. އެހީތެރިކަން ހޯދޭނެ ގިނަ ގޮތްގޮތް ހުރެއެވެ. އޭގެ ތެރޭގައި އެކުގައި އުޅޭ ފިރިމީހާ ނުވަތަ އަނބިމީހާގެ އެހީތެރިކަން ހޯދުން، ގާތް ރަހުމަތްތެރިންގެ ނުވަތަ އާއިލީ މީހުންގެ އެހީ ހޯދުން ހިމެނެއެވެ. ބައެއް މަސައްކަތްތައް ހިއްސާކޮށްލުމުން ނުވަތަ ކުދިން ބަލަހައްޓަން މަދު ވަގުތުކޮޅަކަށް ހަވާލުކޮށްލުމުންވެސް ބެލެނިވެރިންނަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެހީތެރިކަން ބޭނުންވާ ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަކޮށްފައި ހުންނަ ޖަމިއްޔާ ޖަމާއަތްތަކުން ނުވަތަ މުޖުތަމައުއިންވެސް އެހީތެރިކަން ހޯދިދާނެއެވެ. އެހީއަށް އެދުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ، މީހެއްގެ ބާރާއި ހިކުމަތް ދައްކުވައިދޭ ކަމެކެވެ.

ރިއަލިސްޓިކް އުންމީދުތައް ބެހެއްޓުން

ގިނަ ބެލެނިވެރިންނަކީ ކަންކަން ފުރިހަމަ ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ބައެކެވެ. ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކުރުމަށްޓަކައި، ގިނަ ވަގުތު ހޭދަކޮށް، ބާރުބޮޑުކުރުމަކީ ބާންއައުޓުވުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ރިއަލިސްޓިކް އުންމީދުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގައި ހުރި އެއްވެސް ކަމެއް ފުރިހަމަ ނުވާނެ ކަމާއި، ކުޑަކުދިން ބަލައި ބޮޑުކުރުމުގައިވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުންނާނެ ކަން ގަބޫލުކުރަން ޖެހެއެވެ. ކުދިންގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނުކުރެވުނު ކަމުގައި ވީނަމަވެސް އަމިއްލަ ނަފްސަށް މާ ބޮޑަށް ބާރުނުކޮށް، ހަމަޖެހުމާއެކު ކަންކަން ބަލައިގަތުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި ކުދިންނަށް ލޯތްބާއި އަޅާލުން ދީ، އެކުދިންގެ ބޭނުންތައް ފުއްދުމަށް އެންމެ ގަދައަށް މަސައްކަތްކުރުމުން ފުދޭކަމަށް ދެކެން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު