އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން
އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން
މާލޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މިބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި މާލޭގައި ބިދޭސީން ޢާންމުކޮށް އެއްވެ އުޅޭ ސަރަޙައްދެއް ކަމުގައިވާ ހީނާމާގެ ޕާކިންގ ސަރަހަޙައްދު ވަނީ ބަލައިފާސްކޮށްފައެވެ. އަދި މި އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީން ބަލައިފާސްކޮށްފައިވެއެވެ.

މި އޮޕަރޭޝަންގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. މީގެ ތެރޭގައި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަމަށް ހައްލު ކުރުމަށް ދަޢުލަތުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި 7635 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.

އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ



ކިޔުންތެރިންގެ ހިޔާލު