އަލީ ހުސައިން-
އަލީ ހުސައިން-
ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުގެ މައްސަލައެއް އޮތްކަންވެސް ނުވަތަ ނެތްކަންވެސް އެނގޭނީ އެކަން ތަހުގީގުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މީޑިއާ ރެގިއުލޭޓްކުރާ ބިލަށް ބަހުސްކުރައްވަމުން ފަލާހް ވަނީ 'މީޑިއާތައް އުލުބައިންދަންވީ' [އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދޭންޖެހޭ] ކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އިން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

މި މައްސަލަ ތަހުގީގުކުރުމަށްޓަކައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ ކޮންމެ މައްސަލައެއް ތަހުގީގު ކުރަނީ ގާނޫނީ ލަފާ ހޯދައިގެން ނޫން ކަމަށާއި، މައްސަލައެއް އުޅޭކަން ނުވަތަ ނޫންކަންވެސް އެނގޭނީ އެކަން ތަހުގީގުކޮށް ބެލުމުން ކަމަށެވެ.

އަދި މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ޖެހޭކަން ނުވަތަ ނޫންކަން ނިންމާަނީ ޕްރޮސެކިއުޓާރ ޖެނެރަލް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު މީޑިއާތައް 'އުލުބައިންދަން' ގޮވާލެއްވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އޭނާ ވިދާޅުވީ އެ ބަސް ބޭނުންކޮށްފައިވަނީ އެ މާނާގައި ނޫން ކަމަށެވެ.

"އުލުބޭންދުން އަޅުގަނޑުމެން ހިސާަބުގައި ބޭނުން ކުރަނީ ބަސްނާހާމީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް،" ފަލާހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު