ވޯ 2 ގެ ޕޯސްޓަރު
ވޯ 2 ގެ ޕޯސްޓަރު
މި އަހަރުގެ އެންމެ އިންތިޒާރު ކުރެވުނު އެއް ފިލްމު ކަމުގައި ވާ "ވޯ 2" އަށް ބޮކްސް އޮފީހުގައި ހީކުރިވަރާ ގާތަށްވެސް އާމްދަނީ ލިބިފައެއް ނުވެއެވެ.

ފިލްމީ ދާއިރާގައި އެންމެ މުހިންމު އެއް ކަމަކީ ފިލްމުތައް ނެރޭ ދުވަހު އެއަށް ލިބޭ ތަރުހީބު ކަމުގައި ވީއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ފިލްމަށް އޮތް ތަރުހީބު ދައްކަން ފާހަގަ ކުރެވުނެވެ.

ވައިއާރްއެފް ސްޕައި ޔުނިވާސްއިން އުފައްދާފައިވާ މި ފިލްމުގެ ލީޑުން ފެނިގެންދަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކު ޖޯޝަން އާއި، އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޖޫނިއާރ އެންޓީއާރު އެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެ ތަރިންގެ ލީޑަކާއެކު އުފައްދާފައިވާ މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ފިލްމުގެ އުފެއްދުންތެރިން އުންމީދު ކުރިނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ މި ފިލްމު ވަނީ ވޮކްސް އޮފީހުގައި ނާކާމިޔާބުވެ، ބައެއް ސިނަމާތަކުންވެސް ނަގަން ޖެހިފައެވެ.

ޓްރޭޑް އެނެލިސްޓުން ބުނާ ގޮތުގައި މި ފިލްމު ނާކާމިޔާބުވި އެންމެ މައިގަނޑު އެއް ސަބަބަކީ ފިލްމުގެ ޓީޒާގައި އެހާ ބޮޑު 'އެކްސައިޓްމެންޓް' އެއް ނެތުމެވެ. އަދި ޓްރެއިލާ އާއި ލަވަތައް ނެރުނުއިރު، އޭގައިވެސް މީހުން އެހާ ބޭނުންވާ ކަހަލަ 'ވާއު ފެކްޓާރ' ނެތް ކަމަށް ޓްރޭޑް އެކްސްޕާޓުން ބުނެއެވެ.

މީގެ އިތުރުން ފިލްމު ބުރާސްފަތި ދުވަހެއްގައި ނެރުމަކީވެސް ފިލްމުގެ ނަމްބަރުތަކަށް އަސަރު ކުރި ސަބަބެއް ކަމުގައި އެކްސްޕާޓުން ބުނެއެވެ. އޭގެ ބަދަލުގައި ފިލްމު އޮގަސްޓު 15 ގައި ނެރުނުނަމަ ތަންކޮޅެއް ނަމްބަރުތައް މަތިވީސް ކަމަށް ޓްރޭޑް އެކްސްޕާޓެއް ކަމަށްވާ އަތުލް މޯހަން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު