ވަކީލެއް ކަމަށް ހެދިގެން އުޅުނު މީހެއްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ވަކާލާތުކުރުމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެއީ އެމްޕީއެލްގައި މަސައްކަތްކުރާ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲ ނަމަކަށް ކިޔާ މީހެއްކަމަށެވެ.

އަދި އޭނާ ގެންގުޅުނު ގާނޫނީ ވަކީލުގެ ކަމުގެ ހުއްދައަކީ ސައްހަ އެއްޗެއް ނޫންކަން އެނގުނީ އެމްޕީއެލް އިން އެ ހުއްދައިގެ ސައްހަކަން ބަލަން އެދި ހުށަހެޅުމުން ކަމަށެވެ.

ބަޔާނުގައި ބުނީ ބާ ކައުންސިލުން އެެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ އޭނާއަށް ދޫކޮށްފައި ނެތްކަމަށާއި އޭނާ ގެންގުޅުނު ލިޔުމަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތު ކުރުމުގެ ހުއްދައާ އެއްގޮތަށް އަމިއްލައަސް ތައްޔާރުކޮށްގެން އުޅުނު ލިޔުމެއްކަމަށެވެ.

އެގޮތުން އޭގައި އޮތް ސޮޔަކީ ވެސް އެ ލިޔުމުގައިވާ ތާރީހުގައި ސުޕުރީމް ކޯޓުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަމަށް ވެސް ވަނީ ބުނެފައެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޖޫން 27، 2019 ގައި ބާ ކައުންސިލް ވުޖޫދުވުމަށް ފަހު، އެ ގާނޫނުގައިވާ ގޮތުގެ މަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ އޮންނަނީ ބާ ކައުންސިލަށް އެކަންޏެވެ. އެ ކައުންސިލުން ހުއްދަ ދީފައިވާ ވަކީލުންގެ ލިސްޓަކީ އަބަދުވެސް އެ ކައުންސިލްގެ ވެބްސައިޓުން ބެލެން ހުންނަ މައުލޫމާތެއްކަމުން އެކަމަށް އާންމު ފަރާތްތަކުން ސަމާލުވުމަށް ބާ ކައުންސިލުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު