އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި 3 ކެމްޕޭނެއް އިފްތިތާހުކުރުން-
އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި 3 ކެމްޕޭނެއް އިފްތިތާހުކުރުން-
އިމިގްރޭޝަނުން އޮފިސަރުންނަށް އަމާޒުކޮށްގެން ހިދުމަތްތައް އިތުރަށް ހަރުދްނާކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ތިން ކެމްޕޭނެއް ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި މި ކެމްޕޭންތަކަކީ، ހިނިތުންވުމާއެކު ހިދުމަތް ދިނުމާއި، ނަޒާހަތްތެރިކަން އިސްކުރުމާއި، އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.

މި ކެމްޕޭނުތައް އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރޓ) އަހްމަދު ފަސީޙް އެވެ.

އިމިގްރޭޝަނުން ހާމަކުރިގޮތުގައި "ހިނިތުންވުމާއެކު ހިދުމަތްދިނުން" ކެމްޕޭނުގައި އަލިއަޅުވާލާނީ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށެވެ. މިއީ އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް އޮފިސަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

"ނަޒާހަތްތެރިކަން އިސްކުރަމާ" ކެމްޕޭނަކީ ތެދުވެރިކަމާއި، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. މިއީ އެންމެ މަތީ ދަރަޖައިގެ އަޚްލާގީ މިންގަނޑުތައް ދެމެހެއްޓުމުގެ ޒިންމާ އޮފިސަރުންނަށް ހަނދާން ކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

އަދި "އިންސާނިއްޔަތުކަން ދެމެހެއްޓުން" ކެމްޕޭނަކީ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިހްތިރާމާއި، ހަމަހަމަކަމާއި، ގަދަރުވެރިކަމާއެކު މުއާމަލާތު ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލާ ކެމްޕޭނެއް ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ކެމްޕޭނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާރ ފަސީހް ވިދާޅުވީ އިމިގްރޭޝަންގެ އޮފިސަރުންނަކީ ފަތުރުވެރިން އައުމުން އެންމެ ފުރަތަމަ މަރުހަބާ ކިޔާ އަދި ފުރާއިރު އެންމެ ފަހުން ދިމާވާ ފަރާތްތައް ކަމުން، އިމިގްރޭޝަން އޮފިސަރުންނަކީ ގައުމުގެ 'މޫނުމަތި' ކަމަށެވެ.

އެހެންކަމުން އިމިގްރޭޝަނުން ދޭ ފެންވަރު ރަނގަޅު ހިދުމަތަކީ މުއައްސަސާގެ އަދި ގައުމުގެ އަގުވެސް ހިފަހައްޓައިދޭނެ ކަމެއް ކަމަށް ފަސީހު ވިދާޅުވިއެވެ.

"މި ކެމްޕޭންތަކުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ނަޒާހަތްތެރިކަމާއި، އިހްތިރާމާއެކު، އަބަދުވެސް ހިދުމަތްދިނުމުގެ މުހިންމުކަން. އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަންވީ އިތުބާރު ހިފޭ، ރައްޔިތުންގެ ލޯތްބާއި ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބުމަށް،" ފަސީހު ވިދާޅުވިއެވެ.

މި ކެމްޕޭނުތައް މާލެއާއި އަތޮޅުތަކުގައި ހުރި އިމިގްރޭޝަންގެ އޮފީސްތަކުގައި ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އަދި ހުރިހާ އިމިގްރޭޝަން އޮފިސަރުން މީގައި އަމަލީގޮތުން ބައިވެރިވާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މި ކެމްޕޭގެ ދަށުން ކަސްޓަމަރ ސާވިސް އާއި، ނަޒާހަތްތެރިކަމާއި، އިންސާނީ ހައްގުތަކުގެ މުހިންމުކަމާ ގުޅޭގޮތުން ސެޝަންތަކެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހާއްސަ ކެމްޕޭނުތަކެއް ފަށާފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ގިނަވެ، އެ މައްސަލައަށް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ގިނަ ބައެއްގެ ތައުރީފު ވަނީ އަމާޒުވެފައެވެ. އިމިގްރޭޝަނުގެ ޓާސްކު ފޯހުން ހިންގަމުންދާ ރެއިޑު އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން، އެ އިދާރާއިން ދަނީ ރާއްޖޭ އަނބުރާ ނާދެވޭހެން ޑީޕޯޓު ކުރަމުންނެވެ. އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އިމިގްރޭޝަނާއި ސަރުކަރުގެ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ 'އަޮޕަރޭޝަން ކުރަނގި' ގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން، އެންމެ ހާމަކަންބޮޑުގޮތެއްގައި މަސައްކަތް ކުރަމުންދާ މުއައްސަސާއަކީ އިމިގްރޭޝަން ކަމުގައި މިހާރު ވަރަށް ގިނަ މީހުން ދެކެއެވެ. އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއްލިބި، ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވިޔަފާރިތަކަށްވެސް އެކަމުގެ ފައިދާ ލިބެމުންދެއެވެ.

އިމިގްރޭޝަންގެ ހިދުމަތްތައް ރަނގަޅުވުމުގެ ސަބަބުން އެ މުއައްސަސާއަށް ދިވެހިންގެ ހިތުގައި އޮތް އިތުބާރު ބޮޑުވެފައިވާއިރު، އިމިގްރޭޝަންގެ ހިދުމަތްތަކަށް އެތައް ބަޔަކު ތައުރީފު ކުރެއެވެ. އަދި އިމިގްރޭޝަނުން އަލަށް ފަށާފައިވާ ކެމްޕޭނުތަކުގެ ސަބަބުން މުއައްސަސާގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު