ޤާނޫނީ ވަކީލު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު
ޤާނޫނީ ވަކީލު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްޗަށް މަކަރާއި ހީލަތުގެ ދަޢުވާ އުފުލަންޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވެފައި ވަނީ ވޭޕް އެތެރެކޮށް ވޭޕްގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ގދ ތިނަދޫއިން ހައްޔަރުކުރި ފުލުސް، ސާޖިދު އަހުމަދު، އޭނާ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވިއިރު ހުވާކޮށްފައިނުވާކަމަށް ބުނެފައިވާތީއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ސާޖިދު ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިނގިރޭޓާ ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވެއެވެ. ނަމަވެސް، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކޯޓު އަމުރު ޞައްޙަ ނޫން ކަމަށް ކަނޑައަޅައި، ސާޖިދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. މި ނިންމުމާ ގުޅިގެން ދައުލަތުން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައެވެ.

ދައުލަތުން ބުނީ އީސިނގިރޭޓަކީ ގާނޫނީގޮތުން މަނާކުރެވިފައިވާ އެއްޗެއްކަމަށްވުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި މި ތުހުމަތު އަމާޒުވަނީ ފުލުހެއްގެ ވަޒީފާ އަދާކުރުމަށްޓަކައި އެ މަސްއޫލިއްޔަތުގެ ހުވާ ކޮށްގެން ހުރި މީހެއްގެ މައްޗަށްކަމަށްވެސް ދައުލަތުން ފާހަގަކުރިއެވެ.

މިކަމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ފަނޑިޔާރުން އޭނާއާ ސުވާލު ކުރުމުން ސާޖިދު ވަނީ އޭނާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވި ކަމަށާއި ނަމަވެސް، އޭނާ ހުވާ ކޮށްފައި ނުވާނެކަމަށް ބުނެފައެވެ. ސާޖިދު ބުނީ، ހުވާ ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭތީ މަގާމުގެ ހުވާ ލައިދިންއިރު ހުވާ ނުކިޔާ ކަމަށާއި އެއްޗެއް ނުކިޔާ ހުރީކަމަށެވެ.

ސާޖިދު އެހެން ބުނުމުން ފަނޑިޔާރުންވަނީ ދެން ހުވާ ނުކޮށް މަގާމުގައި ހުރިންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ސާޖިދުވަނީ މަގާމުގައި 1 މަހާއި ދުވަސްކޮޅެއް ހޭދަކުރި ކަމަށާއި އެ ދުވަސްތަކަށް މުސާރަވެސް ލިބުނުކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އާޒިމާ ވިދާޅުވީ އަނގަބަހުން ހުވާނުކުރި ކަމަށް ބުނި ނަމަވެސް، ހުވާގައި ސޮއިކުރުމަކީ ހުވާކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި މި މުވައްޒަފު ރައްޔިތުންގެ ކުރިމަތީގައި ޔުނިފޯމު ލައިގެން މަސައްކަތްކޮށް، މުސާރަ ނަގައި، އަދި ޤާނޫނީ ގިނަ ޒިންމާތަކެއް އަދާކޮށްފައިވާކަން އާޒިމާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މައްސަލައިގައި ދެވަނަ ދަޢުވާއެއް އުފުލަންޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު