ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފޭސް 2 ގައި ތަރައްގީ ކޮށްފައިވާ ފްލެޓުތައް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފޭސް 2 ގައި ތަރައްގީ ކޮށްފައިވާ ފްލެޓުތައް
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުން ގުރުއަތު ނެގިއިރު މި ސްކީމްގެ އުސޫލާ ހިލާފަށް 315 ފްލެޓެއް ހަމަޖައްސައިދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު އޭސީސީއަށް ފޮނުވި ސިޓީއެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު އަދި އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި ހިއްސާކުރުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ފްލެޓު އެލޮކޭޓްކޮށް ސޮއިކޮށްފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެއިތުރުން ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި ފުލެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް މިނިސްޓްރީގެ ސިޓީގައިވެއެވެ.

އެހެންނަމަވެސް މި ސްކީމްގެ ދަށުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީ އާއި ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބި އެފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައަޅާފައި ނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 ފަރާތަށް ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާއިރު، 75 މާކްސް ލިބުނު 315 ފަރާތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އުސޫލާ ހިލާފަށް، 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައި ނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ މަގްސަދުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް މިނިސްޓްރީން ވަނީ އޭސީސީގައި އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު