ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޤައުމު ދެމިއޮންނާނީ އެންމެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ އެންމެން އެއް މިސްރާބެއްގައި ކުރިއަށް ދާ ހިނދުގައި ކަމަށެވެ. އެހެންކަމުން މިނިވަންދުވަހު އެ އަޒުމް ކަނޑައެޅުމަށް ރައީސް ވަނީ ހުރިހާ ފަރުދުންނަށް އިލްތިމާސް ކުރަށްވާފައެވެ.

ހަމައެއާއެކު ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރަމުން ދާނެކަމާއި، އެ މަނިކުފާނު ވެވަޑައިގެން ވައުދުފުޅުތަށް ފުއްދުމުގައި އިހްލާސްތެރިކަމާއިއެކު ބުރަ މަސައްކަތް ކުރަށްވާނެކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

“ތަރައްގީ އެހެންނަމަވެސް ފެނިގެންދާނީ އަމިއްލަ ނަފްސު އިސްލާހު ކުރަން އެންމެން އެއް ވިސްނުމެއްގައި ކުރިއަށް ދާން ނިންމައިގެން، ނަފްސު ތަރައްގީކޮށް ސިކުނޑި ތަރައްގީކުރަން ނިންމައިގެން.” ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަަކަށް ވުރެ ގިނަ މަސައްކަތް ކުރިއަށް އޮތް ހަފްތާތަކުގައި ކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް އަހަރަކަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމަލީ ގޮތުން ފެށިގެން ދާނެކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދާނެކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި މިދިޔަ ގިނަ ދުވަސްތަކުގައި މި ތައްޔާރުވަމުން އައި ކަންތައްތައް އަމަލީގޮތުން ފެނިގެންދާނެ ކަމަށެވެ.

“ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި، މި ދަންނަވަނީ އަހަރުތަކެއް ނޫން. ހަފުތާތަކާއި މަސްތަކުގައި ފެންނާނެ. އިރާދަކުރެއްވީތީ މިދިޔަ ގިނަ ދުވަސްތަކުގައި މި ތައްޔާރުވަމުން އައި ކަންތައްތައް އަމަލީގޮތުން ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކޮންމެ ރަށެއްގައި އަދި މާލޭގައި ވެސް ތަރައްގީގެ ކަންކަން ހާސިލުވާތަން ފެންނާނެ.” ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޭގެއިތުރުން، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށާއި، ރާއްޖޭގެ އިމުގެ ތެރޭގައި ކުރާ ކަންކަން ދިވެހިންގެ އަތުން ކޮށް، ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ގައުމުތަކާއެކު ގާތްގުޅުމެއް ބާއްވައިގެން ކަންކުރުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު