މަރްޔަމް ނަހްދާ ވަޙީދު   26 ޖުލައި 2025 - 8:58
އެސްފިޔަ ދިގުވުން
އެސްފިޔަ ދިގުވުން
އެސްފިޔައަކީ އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނުގެ ރައްކާތެރިކަމަށް މުހިންމު އެއްޗެކެވެ. އެހެންކަމުން އެސްފިޔަ ވަރުގަދަކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ދިގު އަދި ބޯ އެސްފިޔަތައް ގުދުރަތީ ގޮތުން ލިބިފައިވުމަކީ އެއީ ވަރަށް މަދު މީހަކަށް މިންވަރުވާ ނަސީބެކެވެ. އެހެންކަމުން، މި ރީތި ސިފަ ހޯދުމަށް ގިނަ މީހުން އާޓިފިޝަލް ފޭކް އެސްފިޔަތައްވެސް ލައްވާ ހަދައެވެ.

އެސްފިޔަ ރީތިކޮށް ވަރުގަދަކުރުމަށް ކުރެވޭނެ ކަންތައްތައް ގިނައެވެ. މިކަންކަމަކީ ފަސޭހައިން ކުރެވޭނެ ކަންތައްތަކެވެ. ނަމަވެސް މިކަންކަން އާދަވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަކީ މުހިންމު ކަމެކެވެ. ތިރީގައި މި ހިމަނާލަނީ އެފަދަ ބައެއް ކަންކަމެވެ.

ކާނާ

އެސްފިޔަ ރީތިކުރުމަށް ކާނާގެ ދައުރު ވަރަށް މުހިންމެވެ. ވިޓަމިން އޭ އަދި ވިޓަމިން ސީ ގިނަ ކާނާ ކެއުމަކީ އެސްފިޔައަށް ފައިދާކުރާނެ ކަމެކެވެ. ވިޓަމިން އީ އާއި ބަޔޯޓިން އެކުލެވޭ ކާނާ ކަމުގައިވާ މަސް، ބިސް، އަދި ތަރުކާރީގެ ބާވަތްތައް ކެއުމުން ބުމައާއި ބޮލުގެ އިސްތަށްޓާއި އެސްފިޔަތަކަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިއްބައިދޭނެއެވެ.

ލޯ ކައިރި މަސާޖް ކުރުން

ލޯ ކައިރި މަސާޖުކުރުމަކީ އެސްފިޔައަށް ލޭ ދައުރުވުން އިތުރުކޮށް، އެސްފިޔަ ވަރުގަދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިކަން ކުރަންވާނީ ވަރަށް މަޑުމައިތިރިކޮށް، އިނގިލިތަކުގެ ކޮޅުން ލޯ ވަށައިގެންވާ ސަރަހައްދުގައި މަޑުމަޑުން މަސާޖްކޮށްގެންނެވެ.

ނިދުމުގެ ކުރިން އެސްފިޔަތައް ސާފުކުރުން

ނިދުމުގެ ކުރިން އެސްފިޔަ ރަނގަޅަށް ސާފުކުރުމަކީ އެސްފިޔައަށް ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން އެސްފިޔައަށް އަރާމު ލިބި، އިންފެކްޝަންތަކުން ރައްކާތެރިވެވެއެވެ. އަދި މިކަމުގެ ސަބަބުން އެސްފިޔަ ދުޅަހެޔޮކަމާއެކު ހުންނާނެއެވެ. މަސްކަރާއާއި ފޭކް ލޭޝްއާއި ލޮލުގެ މޭކްއަޕް ބޭނުންކުރާ މީހުން މިކަމަށް ފަރުވާތެރިވާންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު