ޕަރަމް ސުންދަރީގެ ޕޯސްޓަރު
ޕަރަމް ސުންދަރީގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ، ސިދާތު މަލްހޯތުރާއާއި ޖާންވީ ކަޕޫރު ލީޑުން ފެނިގެންދާ ފިލްމު "ޕަރަމް ސުންދަރީ" ނެރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

މި ފިލްމު މީގެ ކުރިން ރިލީޒްކުރަން ނިންމީ މި މަހުގެ 25ވަނަ ދުވަހަށެވެ. މި މަހުގެ ފަހުކޮޅު ފިލްމު ނެރުން ފަސްކުރެވުނީ އަޖޭ ދޭވްގަންއާއި ބަތަލާ މްރޫނާލް ތާކުރުގެ ފިލްމު "ސަން އޮފް ސަރުދާރު 2" ރިލީޒްކުރާ ތާރީހާ އޭރު ފުށުއަރާތީއެވެ.

ނަމަވެސް ދާދި ފަހުން ނެރުނު ފިލްމު "ސައްޔާރާ" އަށް ލިބެމުންދާ ކާމިޔާބީ އާ ގުޅިގެން އަޖޭގެ ފިލްމު ވެސް ވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ރިލީޒްކުރަން ފަސްކޮށްފައެވެ. އަދި ހަމަ އެހެންމެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ "ދަޅަކް 2" ވެސް އޮގަސްޓު މަހު ފުރަތަމަ ހަފްތާއަށް ވަނީ ފަސްކޮށްފައެވެ.

މި ފިލްމުތައް ފަސްކުރުމާ ގުޅިގެން "ޕަރަމް ސުންދަރީ" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އޮގަސްޓް މަހުގެ ފަހު ހަފުތާ ނުވަތަ ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފިލްމު ފަސްކުރީ "ސައްޔާރާ"އަށް އޮގަސްޓް މަސް ފެށުމާ ހަމައަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭނެކަމަށް ޓްރޭޑް އެނަލިސްޓުން އަންދާޒާކޮށްފައިވާތީ އެ ފިލްމުގެ ހިޔަނި "ޕަރަމް ސުންދަރީ"އަށް އެޅިދާނެކަމުގެ ބިރު އޮތުމުންނެވެ.

މި ފިލްމަކީ ސަރަޙައްދީ ތަފާތުތަކުގެ ސަބަބުން ވަކިވެފައިވާ ލޯބިވެރިންގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު