ރައީސް ޅޮހީ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ޅޮހީ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ނ. ޅޮހީގެ އިހުތިޞާސްގައި ގޯނބިލިވާދޫ ހިމަނައިދިނުމަށް ޅޮހީ ކައުންސިލުން އެދިއްޖެއެވެ.

ޅޮހީ ކައުންސިލުން މިިގޮތަށް އެދިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޅޮހީ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ޅޮހީ އިހުތިސޯސްގައި ގޯނބިލިވާދޫ ހިމަނައިދެއްވުމާއި ބަނދަރުގެ ނެރު ބަދަލުކޮށް ފަސޭހަ ފަޅެއްގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ އިތުރުން އޮޑި އެހެލާ ސަރަހައްދުވެސް ބަނދަރާއެކު ހިމެނިގެން މަސައްކަތް އަވަސް ކުރުމުގެ މުހިންމުކަން ހިމެނެއެވެ.

އަދި އެރަށު ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލަކާއި ރިސޯސް ރޫމުތައް ގާއިމުކުރުމަށް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރިއެވެ.

މީގެ އިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ރަށުގައި އާންމުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިފައި ވެއެވެ.

އަދި ހައުސިންގ ސްކީމް ނެތް ރަށްރަށަށް ލޯނު ސްކީމެއް ހަމަޖެހިގެން ދިއުމާއި ބައިނަލްއަގުވާމީ ފެންވަރަށް ރާޅާއަޅާ ސަރަހައްދު ތަރައްޤީ ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު