ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ސަރުކާރުން ސްކޭމެއްގައި ޖެހި ފޭކް ޝޭހަކަށް 70 މިލިއަން ޑޮލަރު ޖަމާނުކުރީ ކިރިޔާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ހައުސިން ޕްރޮޖެކްޓްތައް ހިންގާފައިވަނީ ސްކޭމެއް ކަމަށް ޝައްކު ކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން ކޭޕާކް، ޕޮލްކޯ، ސިފްކޯ، ސީލައިފް، ގުޅީފަޅު އަދި ޖާހުން ހިންގި މަޝްރޫޢުތައް ޑރ. ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އެފަދަ ގިނަ މަޝްރޫޢުތަކުގައި ރައްޔިތުން އުފުލަން ޖެހުނު ތަކްލީފުތަކަށް ކުރީ ސަރުކާރުން ހައްލު ހޯދާދީފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އޭގެއިތުރުން މި ސަރުކާރުވެސް ސްކޭމެއްގައި ނުޖެހި ސަލާމަތްވީ ކިރިޔާ ކަމަށްވެސް ޑރ. ޝަމްހީދު މިއަދު ވިދާޅުވިއެވެ.

“ފޭކް ޝޭހަކަށް ކިރިޔާ ފައިސާ ޖަމާނުކުރީ. 70 މިލިއަން ޑޮލަރު ކޭޝްގެ ސްކޭމެއްގައި ވެސް ނުޖެހުނީ ކިރިޔާ. 2 ބިލިއަނެއްހާ ޑޮލަރު ގެންނަ ކަހަލަ ސްކޭމެއްގެ ވާހަކަ ރޭވެސް އަޑު އިވުނު.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ޝަމްހީދު ވިދާޅުވީ، ކޭޕާކް ފްލެޓްގެ އެޕާޓްމެންޓުތަކަށް ފައިސާ ދެއްކި ފަރާތްތަކުގެ ނަން މައްޗަށް އެތަންތަން ރަޖިސްޓްރީ ކޮށްދިނުމަކީ ރަނގަޅު ޙައްލެއް ކަމަށާއި، އެ މައްސަލާގައި ދަޢުލަތުން އެނޫން މަގުތައް ޚިޔާރުކޮށް މައްސަލަ ދިގުދެންމުމަކީ ފައިސާ ދެއްކި ރައްޔިތުންނަށް އެންމެ މަސްލަޙަތު ހުރިގޮތް ނޫން ކަމަށެވެ.

އަދި ދާދި ފަހުންވެސް “ޖެމްކިއު” ސްކޭމްގައި ޖެހިގެން 500 ވަރަކަށް މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ގެއްލިފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޕްރިންސަކާއި ރައީސް ޑރ. މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ޚަބަރަކާއި، އާންމުކުރި ފޮޓޯތައް ވެސް އެ ވެބްސައިޓުން މިހާރުވަނީ ގެއްލިފައެވެ.

މި މައްސަލަ ފެންމަތި ވެފައިވާއިރު މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައީސް ބައްދަލު ކުރެއްވީ ސްކޭމަރަކާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު