ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު (ރިޓަޔާޑް) އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު (ރިޓަޔާޑް) އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރަށްވައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ފަނޑިޔާރު މުއުތަސިމް ރިޓަޔަރ ކުރެއްވީ، އެމަނިކުފާނަށް އެ ފުރުޞަތު އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމާ ގުޅިގެން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔަރ ވެވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

ފަނޑިޔާރު މުޢުތަސިމް ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ސްޕްރީމް ކޯޓުން މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މުޢުތަސިމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.



އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރަށްވާފައިވާތީ މިއަދުން ފެށިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ނިންމާފައެވެ.



މުއުތަސިމަށް ރިޓަޔަރމަންޓް އެލަވަންސްގެ ގޮތުގައި އެއްފަހަރާ ގަނޑުކޮށް 159،375 ރުފިޔާ ލިބިވަޑައި ގަންނަވާނެއެވެ. އޭގެ އިތުރުން ކޮންމެ މަހަކު ލިވިން އެލަވަންސަަށް 20،000 ރުފިޔާ އާއި، އަސާސީ ޕެންޝަނަށް 11،953 އާއެކު މަހަކު މުޅިޖުމުލަ 31،953 ރުފިޔާ ލިބިވަޑައި ގަންނަވާނެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވުނު މުއުތަސިމް އަދުނާން، 2009 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އެ މަނިކުފާނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިން ބެޗިލަރ އޮފް ލޯސް (1992) އަދި ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ (1994) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް މަޤާމުން މުއުތަސިމް ރިޓަޔަރ ކުރަށްވާފައިވާއިރު، މި ވެރިކަމުގައި ސުޕްރީމް ކޯޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު