ރައީސް ޑރ. މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލު ކުރެއްވުން
ރައީސް ޑރ. މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލު ކުރެއްވުން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް އާ ބައްދަލު ކުރަށްވާފައެވެ.

ރަސްގެފާނު ޗާލްސްއާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ރައީސްގެ ދަތުރުފުޅުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެށީގެ މައްސަލަތަކުގެ އިތުރުން، ވިޔަފާރި، ވުނަކުރުން އަދި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް އިނގިރޭސި ސަރުކާރުގެ އިސްފަރާތްތަކާއެކު ކޮށްފައިވެއެވެ. އަދި ލަންޑަންގައި ބޭއްވި ބިޒްނަސް ފޯރަމެއްގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ރާއްޖޭގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެފައިވެއެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު