ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 10 މީހުންގެ މައްޗަށް ދަޢުލަތުން ދަޢުވާ ކޮށްފައިވެއެވެ.

އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުުހުން ތުހުމަތުކުރާ، ސ. ހުޅުދޫ ދޭލިއާގެ އިރުފާން ތަގިއްޔު އާއި ހ. ގާޑްންބިއުޓީ މުޙައްމަދު އަކްރަމާއި، ދ. މާއެނބޫދޫ އަނބުގަސްދޮށުގެ އަޙްމަދު ނަސީރުގެ މައްޗަށް ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދަޢުލަތުން ކޮށްފައިވެއެވެ. މި މައްސަލާގައި ހިމެނޭ އަކްރަމަކީ މަސްތުވާތަކެތި ފެނުނު ކާރުގެ ވެރިފަރާތެވެ. އަދި އަހުމަދު ނަސީރަކީ މަސްތުވާތަކެތި ދޯނިން ބާލައިގެން މާލެއަށް ގެނައި ލޯންޗު ދުއްވި މީހާއެވެ.

މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ރިޕޯޓު ދިނުން ލަސްވުމުން އެ ހުކުން އިސްތިއުނާފު ކުރުމަށް ލިބޭ މުއްދަތު އޮތީ އިތުރުކޮށްދީފައެވެ. ޕީޖީ އޮފީހުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ އިއްޔެއެވެ.

މި މީހުންގެ އިތުރުން މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔައީ، މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، މަސްޖަރީ 2 ކަންނެލި ދޯނިން ރާއްޖެއިން ބޭރުން ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް އެތަކެތިއަތުލައިގަތް ކަމަށެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ބަލައި ފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވެއެވެ. "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏަކުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރައެވެ.



ކިޔުންތެރިންގެ ހިޔާލު