އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ޚާރިޖީ ވުޒާރާ
އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖެ އާއި ޑޮމެނިކާއާ ދެމެދު ވިޒާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، ކެރިބިއަން ސަރަހައްދުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ކޮމަންވެލްތް އޮފް ޑޮމިނިކާއާއި ރާއްޖެ ދެމެދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް ފޯ ދެއަރ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފައިވަނީ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަރޓް އެރޮންއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިން ވީޒާ ނެގުމަކާނުލައި ދިވެހީންނަށް ޑޮމިނިކާއަށް ދަތުރުކޮށް، 30 ދުވަހުގެ މުއްދަތަށް އެ ޤައުމުގައި ހުރެވޭނެއެވެ. ހަމައެގޮތަށް އެ ޤައުމުގެ ޕާސްޕޯޓުގައި ދަތުރުކުރާ ފަރާތްތަކަށް ވެސް، ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރުމުގެ ހުއްދަ ލިބޭނެއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު