ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމަށް ލިބޭނީ ގެއްލުން ކަމަށާއި، އެހެންކަމުން ލިޔުންތެރިން އިސްކުރަންވީ ޤައުމީ މަސްލަޙަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއައު ދެއްވި ޚިތާބުގައެވެ.

އެގޮތުން ރައީސްގެ ޚިތާބުގައި ވިދާޅުވީ، ލިޔުންތެރީންގެ ދައުރެއް ނެތް، އެއްވެސް ދާއިރާއެއް ޤައުމެއްގެ ނިސްބަތުގައި ނޯންނަ ކަމަށެވެ. އެހެންކަމުން ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، އަމިއްލަ ޤައުމާއި، އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި ވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

“ލިޔުންތެރިކަމަކީ އަމާނާތެކެވެ. ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވެއެވެ. ހަމަ އެހެންމެ ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ.” ރައީސް ވިދާޅުވެފައިވެއެވެ

ހަމައެއާއެކު ރައީސް ވިދާޅުވީ، ދިވެހި ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވައިފައި ކަމަށެވެ. އެގޮތުން ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ޚާއްސަ ދާއިރާއެއްގެ މަޢުލޫމާތު ފެތުރުމުގައި އަގުހުރި ޚިދުމަތްތަކެއް ކުރެއްވިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑު އެދެނީ، ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމެވެ. ދިވެހި ލިޔުންތެރީންގެ އުފެއްދުންތެރި ވިސްނުންފުޅުތައް، ދިވެހީންގެ ކަރާމަތާއި، ދިވެހި ޤައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކުރެއްވުމެވެ. އާ ޚިޔާލުތަކާއި، އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިވުމެވެ.”ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޚިތާބު ނިންމަވާލައްވާފައި ވަނީ ދިވެހި ލިޔުންތެރިކަމަށް އަދަށްވުރެ ފަހި މާދަމާއެއް ދެއްވުމަށް އެދި ދުޢާކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު