ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއައު ދެއްވި ޚިތާބުގައެވެ.

އެގޮތުން ރައީސްގެ ޚިތާބުގައި ވިދާޅުވީ، އިންސާނާ ކޮންމެ ދުވަހަކު ކުރަންޖެހޭ އެއްކަމަކީ ކަންކަން އިޞްލާޙުކޮށް ރަނގަޅުކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު އެއް ކަމަކީ ލިޔުން ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އިންސާނުންގެ ނަފުސުތަކާއި، މުޖުތަމަޢާއި، ޤައުމާއި ދުނިޔެ އިޞްލާޙު ކުރުމަށްޓަކައި އެކި މައުޟޫޢުތަކުގައި ލިޔެ ޢިލްމު ފެތުރުމުގެ މަތިވެރި ޒިންމާ އަދާކުރާ ބަޔަކީ ލިޔުންތެރީންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިއަދަކީ ލިޔުންތެރިންގެ ދުވަސްކަން ފާހަގަ ކުރަށްވަމުން ރައީސް ވިދާޅުވީ، ލިޔުންތެރިކަމުގެ ޙަޤީޤީ ބިންގަލުގެ މައްޗަށް ދިވެހި އިމާރާތް އުފުލުން އަބަދުވެސް އޮންނާނީ ކުރިޔަށް ކަމަށެވެ. އަދި ލިޔުންތެރިކަމުގެ ދައުރު މިއަދު ވަނީ އިތުރަށް ފުޅާވެ، ތަނަސްވެ، ލިިޔުންތެރީންގެ ދީނީ، ޤައުމީ ޒިންމާއާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

“ދީނީގޮތުން ބަލާއިރު، ދިވެހީންގެ ޢަޤީދާއާއި އަދަބު އަޚްލާޤު ހަރުދަނާކުރުމުގައި ލިޔުންތެރީންގެ އެހީތެރިކަން މި ޤައުމަށް ބޭނުންވެއެވެ. އިޖުތިމާޢީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމުގައި ލިޔުންތެރީންގެ އަމާނާތްތެރިކަން ބޭނުންވެއެވެ. އިޤުތިޞާދީ ދާއިރާއަށް ބަލާއިރު، އާ ފުރުޞަތުތައް ތަޢާރަފުކުރުމާއި، ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯ ހުޅުވައި ދިނުމުގައި ލިޔުންތެރީންގެ ލިޔުންތައް މުހިންމުވެއެވެ.” ރައީސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އައުމަށްޓަކައި މެނިފެސްޓޯ އެކުލަވައިލުމާއި، ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމާއި، ޤައުމީ އެކިއެކި މައްސަލަތަކާއި ޙާލަތްތައް ހެޔޮގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެވޭނީ ލިޔުންތެރީންނަށް ކަމަށެވެ.

“ހަމަ އެހެންމެ ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަމިއްލަ ޤައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ހުރިހައި މާނައެއްގަައި މަޞްލަޙަތު ހިފެހެއްޓުމުގެ ޤައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށެވެ.” ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ލިޔުންތެރީންްގެ ދުވަސް ފާހަގަކުރެވެނީ ދިވެހިރާއްޖޭގައި ފުރަތަމަ މަޖައްލާއެއް ނެރުނު 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހާއި ގުޅުވައިގެންނެވެ. އެދުވަހު ނެރުނު އެ މަޖައްލާގެ ނަމަކީ އަލްއިޞްލާޙެވެ. އެ މަޖައްލާ ބުނާ ގޮތުން އެ މަޖައްލާގެ މަޤުޞަދަކީ ތަފާތު އެކި ދާއިރާތަކުން ދިވެހި ޤައުމު އިޞްލާޙުކުރުމެވެ. ޚާއްޞަކޮށް ދީނާއި އިޖުތިމާޢީ ދާއިރާއާއި، އިޤުތިޞާދާއި ސިޔާސީ ދާއިރާއާއި، ޢިލްމާއި ސަގާފަތާއި ތާރީޚުގެ ދާއިރާއެވެ.



ކިޔުންތެރިންގެ ހިޔާލު