އެމްޑީޕީގެ ލީޑަރޝިޕް
އެމްޑީޕީގެ ލީޑަރޝިޕް
މޯލްޑިވްސް-ޔޫކޭ މަޝްވަރާތަކުން މަހުގެ ޑިއުޓީ އެއްކޮށް ކަނޑާލުން އުނިކުރުމުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ރައީސް ޞާލިޙުގެ ވެރިކަމުގައި މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅު ކުރަން ފެށި އެންމެ ބޮޑު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މަހުން ނަގާ ޑިއުޓީ މުޅިން ކަނޑާލަން ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ ފުރަތަމަ މަޝްވަރާތައް ނިމި، އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދަން 2023 ވަނަ އަހަރު ހުޅުވާލައިފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެމްޑީޕީގެ 5 އަހަރުގެ ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކޮށްފައިވަނީ 2025 ވަނަ އަހަރު އެއްބަސްވުން ތަންފީޒު ކުރުމަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

“އެމްޑީޕީން ދެކެނީ މި އެގްރިމެންޓަކީ މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެއް ކަމަށް، ރާއްޖެއިން ވެލިއުއެޑް ކުރެވިގެން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ދަޅުމަސް ކަމަށްވާއިރު މީގެތެރެއިން 50 ޕަސެންޓަށް ވުރެ ގިނައިން އެކްސްޕޯޓް ކުރަނީ އިނގިރޭސިވިލާތަށް.” އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު އެމްޑީޕީން ބުނީ އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ 0 ޕަސެންޓަށް ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ޔަގީން ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިން އަތުން ގަންނަ މަހުގެ އަގު މަތިވެގެންދާނެ ކަމަށެވެ.

އޭގެއިތުރުން އެމްޑީޕީން ބުނީ މަހުގެ އަގު މަތިވާނެކަމުގެ އުއްމީދުގައި ރައްޔިތުން ތިއްބައި މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ މަޝްވަރާތަކުގައި އެޕްޓީއޭގެ ވާހަކަ ހިމަނާފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން މިހެން ބުނެފައިވާއިރު، މިދިޔަ ބުދަ ދުވަހު ބޭއްވި މޯލްޑިވްސް- ޔޫކޭ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ވިސާ ލިބުމުގެ ދަތިތަކާ ގުޅޭ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު