"ކޮފީހަޓް ފުޓްސަލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަން ޗެލެންޖަރސް އެފްސީ
"ކޮފީހަޓް ފުޓްސަލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަން ޗެލެންޖަރސް އެފްސީ
ހއ މުރައިދޫ ކޮފީ ހަޓްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި "ކޮފީހަޓް ފުޓްސަލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަންކަން ޗެލެންޖަރސް އެފްސީ ހޯދައިފިއެވެ.

މިދިޔަ އޯގަސްޓްމަހުގެ 29 ވަނަ ދުވަހުން ފެށިގެން ހއ މުރައިދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 7 ޓީމް ބައިވެރިވެފައި ވެއެވެ. ރާއްޖޭގެ ޤައުމީ ލެވަލްގައި މީގެ ކުރިން ކުޅެފައިވާ ބައެއް ކުޅުންތެރިންވެސް ކުޅެފައިވާ މި މުބާރާތުގައި ފޯރިގަދަ މެޗްތަކަކަށް ފަހު ފައިނަލް މެޗް އިއްޔެ ކުޅެފައިވާއިރު ފައިނަލް މެޗްގައި ބައްދަލުކޮށްފައިވަނީ، ޗެލެންޖަރސް އެފްސީ އާއި ބަޑީސް އެވެ. ފައިނަލް މެޗް 8 ލަނޑު 2 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗެލެންޖަރސް އެފްސީ އެވެ.

މުރައިދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމުގެ މަޤްސަދުގައި ކޮފީހަޓްގެ ފަރާތުން އިންޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޗެލެންޖަރސް އެފްސީ ގެ ޖަރޒީ ނަންބަރ 37 ނައުޝާދެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް "ޓައިޕެއް ނޫން" ހޮވިފައިވާއިރު، ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ކޮފީ ހަޓްގެ މުޙައްމަދު މުއާޛް އެވެ.



"ކޮފީހަޓް ފުޓްސަލް ޓޯނަމެންޓް 2020" ގެ ޓޮޕް ސްކޯރަރ އަކީ ޗެލެންޖަރސް އެފްސީގެ ޙުސެއިން ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ކްލަބް ކޮފީ ހަޓް ގެ އަސްރާރު ޢަބްދުﷲ އާއި، ޗެލެންޖަރސް އެފްސީގެ ޙުސެއިން ރަޝީދާއި، މުބާރާތުގެ ރަނަރ-އަޕް ޓީމް "ބަޑީސް" ގެ މުޙައްމަދު އާސިރާއި، "ޓައިޕެއް ނޫން" ގެ އަޙްމަދު އަރުޝަމް ގެ އިތުރުން "ވޭތޯ ބަލާނަން" ގެ ރައިޝާން ސަލީމެވެ.

މުބާރާތުގެ ސަބަބުން ރަށުގައި އުފާވެރިކަމާއި، ކުޅިވަރުގެ ފޯރިއާއި ޖޯޝް އިތުރު ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުން ޙާސިލްކުރަން ބޭނުންވީ މަޤްސަދު ހާސިލްވެފައިވާ ކަމަށާއި، މި މުބާރާތުގެ ސަބަބުން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ ކުޅިވަރުގެ ތެރެއިން އެކުވެރިކަމާއި ގާތްކަން އިތުރުވެފައިވާ ކަމަށް ކޮފީ ހަޓުން މަޢުލޫމާތު ދެއްވައެވެ. މި މުބާރާތަށް ލިބުނު ތަރުޙީބަށް ބަލައި އެ ކެފޭއިން ވަނީ މި ސިލްސިލާގެ ދެވަނަ މުބާރާތެއް އަންނަ އަހަރު ބޭއްވުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން