އަހުމަދު ޔާމިން   25 އޯގަސްޓު 2020 - 22:26
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން ކަށަވަރުވީ އެ މަނިކުފާނުގެ ޓެސްޓުގެ ނަތީޖާ މިރޭ ލިބުމުންނެވެ. އެމަނިކުފާން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

މައުމޫން ވިދާޅުވީ، އެމަނިކުފާނު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ވަނީ ﷲ ގެ ޙަޟުރަތުން އެމަނިކުފާނަށާއި، ބަލި އެންމެންނަށް އަވަސް ޝިފާއަށް އެދި ދުޢާ ކުރައްވާފައެވެ.



ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށި ފަހުން މިއީ، ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ އެ ޓްވީޓާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަޢުލަތުގެ ފަރާތުން މިހާރު ގެންދަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސަމުންނެވެ.

އުމުރުފުޅުން މިހާރު 80 އިން މައްޗަށް ގޮސްފައިވާ، ކުރީގެ ރައީސް މައުމޫން ވަނީ 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް އަދާކުރަށްވާފައެވެ.

"ރަސް އޮންލައިންގެ" ފަރާތުން އެމަނިކްފާނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.



ކިޔުންތެރިންގެ ހިޔާލު