ސެވިއްޔާ ކުޅުންތެރިން ޔޫރޮޕާ ލީގު ތައްޓާއެކު
ސެވިއްޔާ ކުޅުންތެރިން ޔޫރޮޕާ ލީގު ތައްޓާއެކު
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދައި ސެވިއްޔާއިން އެޓީމަކީ މުބާރާތުގެ ރަސްގެފާނުކަން ސާބިތުކޮށްދީފި އެވެ.

ޖަރުމަނުގެ ކޮލޯންގައި ކުޅުނު މުބާރާތުގެ ފައިނަލުގައި ރޭ އިޓަލީގެ އިންޓަރ މިލާން ބަލިކޮށް ސްޕެއިންގެ ސެވިއްޔާ އިން މުބާރާތުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ކާމިޔާބުކުރީ 2-3 ގެ ނަތީޖާ އިންނެވެ. ސެވިއްޔާ މި މުބާރާތުގެ ހަ ފައިނަލް ކުޅެފައިވާއިރު އެޓީމުން މިވަނީ ހަ ފައިނަލް ވެސް ކާމިޔާބުކޮށްފައެވެ.

ސެވިއްޔާ އާއި އިންޓަރ ބައްދަލުކުރި ފޯރިގަދަ ފައިނަލް މެޗު ސެވިއްޔާ އިން ކާމިޔާބުކުރި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އިންޓަރ އިންނެވެ. ސެވިއްޔާގެ ޑިފެންޑަރ ޑިއެގޯ ކާލޯސް އިންޓަރ މިލާންގެ ފޯވާޑް ރޮމޭލޫ ލުކާކޫ އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ފަސް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން އިންޓަރ އަށް ލީޑް ހޯދައިދިނީ ލުކާކޫ އެވެ. މިއީ މި މުބާރާތުގައި ޖެހިޖެހިގެން ލުކާކޫ ގޯލްޖެހި 11 ވަނަ މެޗެވެ. އަދި މިއީ މި ސީޒަނުގައި އިންޓަރ އަށް އޭނާ ޖަހައިދިން 34 ވަނަ ގޯލެވެ. މިއާއެކު އިންޓަރ މިލާނަށް ކުޅުނު ފުރަތަމަ ސީޒަނުގައި އެންމެ ގިނަ ގޯލް ޖަހައިގެން ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑޯ ހެދި ރެކާޑާއި ލުކާކޫ އަށް އަރައި ހަމަކުރެވުނީ އެވެ.

އިންޓަރ އިން މެޗުގެ ވަރަށް ކުރީ ކޮޅު ލީޑް ނެގި ނަމަވެސް ސެވިއްޔާ އިން ވަނީ މެޗުގެ 12 ވަނަ މިނެޓްގަ އާއި 33 ވަނަ މިނެޓްގައި ދެ ލަނޑު ޖަހައި މެޗުގެ ލީޑް ހޯދާފައެވެ. މި ދެގޯލްވެސް ޖަހައިދިނީ ނެދަލޭންޑްސްގެ ފޯވާޑް ލޫކް ޑި ޔޮންގް އެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި އިންޓަރ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ޑިއެގޯ ގޮޑިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.

މެޗުގައި ސެވިއްޔާ އިން ކާމިޔާބުކުރި ފަހު ލަނޑަކީ މެޗުގެ 74 ވަނަ މިނެޓްގައި ސެވިއްޔާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިއެގޯ ކާލޯސް އޯވަރ ހެޑަށް ޖެހި ބޯޅަ އެއް ގޯލާ އަމާޒު ނުވެ ބޭރަށް ދަނިކޮށް ލުކާކޫ ފައިން ބައިކޮޅަށް ވަތް ގޯލެކެވެ.

ޔޫރޮޕާ ލީގު ރޭ ނިމުމުން މިފަހަރުގެ ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. މާދަމާ ރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު ފަށާ މި މެޗުގައި ވާދަކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން