ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ގުޅުވައި ޕެންޑްރައިވްއެއްގެ ވާހަކަ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވުމުން އެކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމް ހައްޔަރުކޮށްފައިވަނީ އޭނާ އަތުގައި ރައީސް ޑރ. މުޢިއްޒުއާއި ގުޅޭ ހެކިތަކެއް ހުރެގެންކަމަށް ތުހުމަތު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ޔާމީން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ކައުންސިލުން ހިންގި ކޮރަޕްޝަނުގެ އަމަލުތަކެއްގެ މައުލޫމާތު ހުރި ޕެންޑްރައިވެއް އޮވެދާނެތީ ކަމަށެވެ.

"އެހެންވީމަ ފަހަރުގައި ވެދާނެތޯ ޝަމްނާޒް އެހާ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ އޭރު ހިނގާފައި ހުރި ހުރިހާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ޕެންޑްރައިވެއް މީނަ އަތުގައި އޮތީމަ އޭނާ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީ ކަމަށް،" ޔާމީން ރޭ ވިދާޅުވެފައި ވެއެވެ.އެ ވާހަކަތަކާއި ގުޅިގެން ޢަބްދުއްރަހީމް އެކްސްގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޕެންޑްރައިވެއްގައި ގިނަ އަދަދެއްގެ މައުލޫމާތު ހުރިކަމަށްބުނެ ގިނަ ބަޔަކު ހައްޔަރުކޮށް ޖަލަށް ލައި ހުކުމްކޮށްފައިވާ މައްސަލައާއި ގުޅުވައި އެކަމަށް ރައްދުދެއްވާފައެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، "އެ ޕެންޑްރައިވް" ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށާއި އެ ޕެންޑްރައިވްގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ސުވާލު ކުރި މީހާއަށާ ޖަވާބް ދޭން ހުރި މީހާއަށްކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ކާނާލް ރިޓަޔާޑް ނާޒިމަކީ ވެސް ޔާމިންގެ ވެރިކަމުގައި ޕެންޑްރައިވް އެއްގެ މައްސަލަ ތަހުގީގުކޮށް ޖަލަށްލައި އަދަބު ދީފައިވާ ބޭފުޅެކެވެ.

ޝަމްނާޒު ހައްޔަރު ކޮށްފައިވަނީ ރައީސްގެ އާއިލާއަށް ސިހުރު ހެދުމުގެ ތުހުމަތުގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން